މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ރޭ ފުލުހުން ހައްޔަރުކުރި ދެ ޒުވާނުން ދޫކޮލަން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ގޮވާލައްވައިފިއެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ނ. ކުޑަފަރި، ބަގީޗާގެ، އަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މާލެ، މ. ހަސްތީ، އާއިޝަތު ޝިމަން އަހުމަދު (19އ) އެވެ.
އެ މީހުން ހައްޔަރުކުރުމާ ގުޅިގެން ސުއޫދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”ސުލްހަވެރިކޮށް މުޒާހަރާ ކުރަމުންދިޔަ ބަޔަކު ހައްޔަރު ކުރަން ދެއްކޭނެ އުޒުރެއް ނޯންނާނެ. އެމީހުން ހަމައެކަނި ގޮވައިލަމުންދިޔައީ އިންސާފުވެރި ފުލުހުންގެ ތަހުގީގަކަށް. ސަރުކާރުން އެމީހުން ވަގުތުން މިނިވަން ކުރަންޖެހޭ،“ ކަމަށެވެ.
އެ ދެ ޒުވާނުން ހައްޔަރުކުރުމަށްފަހު ފުލުހުން އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މަހުޒޫމް ހައްޔަރުކުރީ ފުލުހަކަށް ހަމަލާ ދިނުމުގެ ސަބަބުން ކަމަށާއި ޝިމަން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ސަބަބުންނެވެ.
ފުލުހުން އެ ދެ މީހުން ހައްޔަރުކުރީ މުޒާހަރާ ރޫޅާލުމުގެ ތެރެއިންނެވެ.
ފުލުހުން ރޭ ބުނެފައިވަނީ، އެ މުޒާހަރާ ރޫޅާލަން ޖެހުނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.
ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މުޒާހަރާކުރަނިކޮށް ހައްޔަރުކުރި ޒުވާނުން ދޫކޮށްލަން އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ވަނީ ގޮވާލައިފައެވެ. ޒުވާނުން މުޒާހަރާކުރަނީ އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ކުށްވެރިކޮށެވެ.

15 Comments
ގުޅުންހުރި
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި