ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން އައިޖީއެމްއެޗުގެ ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރި މައްސަލާގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވީ އޭނާ ބަންދުން ދޫކޮށްލާފައިވާކަން އެނގިވަޑައިނުގެން ކަމަށާއި، އެއީ ނުފޫޒު ފޯރުވުގެ އަމަލެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.
މަހާޒާއި އަޒްމިރަލްދާ އަށް ޖޭއެސްސީން ތުހުމަތުކުރަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވައި ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ. އެ މައްސަލަ ތަހުގީގުކުރުމަށްފަހު ޖޭއެސްސީން ވަނީ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. މިހާރު އެ މައްސަލަ އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގަ އެވެ.
ޖޭއެސްސީގެ ތަހުގީގުގައި މަހާޒްގެ ފަރާތުން ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބަށް އޭނާ ގުޅުއްވިއިރު، ވެސް އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލާފައިވާ ކަމަށާއި އެހެންވެ، ނުފޫޒު ފޯރުވަންޖެހޭ ހާލަތެއް އެ މައްސަލާގައި ނެތް ކަމަށެވެ.
ގާޒީއަށް ގުޅުއްވީ އެ މައްސަލައަކީ އިސްތިއުނާފްގެ މަރުހަލާ ތެރެއިން އެ ކޯޓާ ހަމައަށް އަތުވެދާނެ މައްސަލައަކަށް ވާތީ މައުލޫމާތު ހޯދުމުގެ ގޮތުން ކަމަށް މަހާޒް ވިދާޅުވެފައިވެ އެވެ.
ނަމަވެސް ޖޭއެސްސީގެ ތަހުގީގުގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ގާޒީއަށް، މަހާޒް ގުޅުއްވިއިރު، އަޒްމިރަލްދާގެ ފިރިކަލުން އޭރު ކޯޓުން ބަންދުން ދޫކޮށްލާފައިވާ ނޭނގޭ ކަމަށް ފަނޑިޔާރު މަހާޒް ތަހުގީގުގައި ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، ފަނޑިޔާރު މަހާޒް ގުޅުއްވީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދާ މެދު ގޮތެއް ނިންމުމުގައި ”ހާއްސަ ގޮތަކަށް ބެލުމަށް ބާރު އެޅުމުގެ ގޮތުން“ ކަމަށް ”ބެލެވޭ ކަމަށް“ ޖޭއެސްސީގެ ރިޕޯޓުގައިވެ އެވެ.
”ފަނޑިޔާރެއްގެ ފިރިމީހާގެ ބަންދާ މެދު ގޮތް ކަނޑައެޅުމަށް ހާޒިރު ކުރެވޭ ކޯޓުގެ އެހެން ފަނޑިޔާރަކަށް ވެސް އޭނާގެ ބަންދާ ގުޅޭގޮތުން މުއާސަލާތުކޮށް ގުޅުމަކީ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ހާޒިރު ކުރެވޭ ކޯޓުގެ ފަނޑިޔާރުންގެ މަސައްކަތާ ސީދާ ގޮތުން ބެހި ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެވޭ އަމަލަކަށް ނޫނީ ނުވާނެ،“ އެ ރިޕޯޓުގައިވެ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައިވާ ގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުންނަކީ ފަނޑިޔާރު މަހާޒް ދަންނަ ބޭފުޅަކަށް ނުވާއިރު، އޭނާގެ ބަންދާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅަންޖެހޭ ސަބަބެއް ނެތެވެ. އެހެންވެ، އެކަންކުރީ ފަނޑިޔާރު އަޒްމިރަލްދާ އެދިގެން ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.

ގުޅުންހުރި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް
ޝާހިދު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާކުރައްވައިފި
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ސުއޫދު، އަޅުގަނޑު އެކަމެއް ނުކުރަން: އުޝާމް
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވައިފި
ފަނޑިޔާރުންނާ ދެކޮޅަށް ހަކިބަސް ދިން ހަނީފަށް ފެނަކައިގެ އިސް މަގާމެއް ދީފި