ޖޫން 6, 2025

ރައީސް ބައްދަލުކުރެއްވި ”ޕްރިންސް“އާ ބެހޭގޮތުން ހަލީލްއާ ސުވާލު ކުރަނީ

ސައުދީ ”ޕްރިންސް“ މައްސަލައިގައި ހަލީލްއާ ސުވާލުކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ކަމަށް ބުނާ ސައުދީ އަރަބިއްޔާގެ ”ޕްރިންސް“ އާ ބެހޭގޮތުން ސުވާލު އުފެދިފައިވާތީ އެކަމާ ބެހޭގޮތުން  ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ސުވާލުކުރުމަށް  ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހަށް، ހަލީލު، ހާޒިރުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް ހުށަހެޅުއްވި ”ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސް“ ގައި ވަނީ ތިން ސުވާލެއް ހަލީލްއާ ކުރުމަށް ހުށަހަޅުއްވައިފަ އެވެ.

  • ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މަހުގެ ފަސްވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާ ’ޕްރިންސް‘ ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ؟
  • އަދި އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިނުވަނީ ކީއްވެގެންތޯ؟
  • އެ ފަރާތަކީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ހިލާފަށްނަމަ، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ؟

ރައީސް މުއިއްޒު ސައުދީ އަރަބިއްޔާގެ ޕްރިންސަކާ ބައްދަލުކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓުންނާއި ގެނެސްދިން ލިޔުމާއި، އެ ބައްދަލުވުމުގެ ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުން މިހާރު ވަނީ ޑިލީޓްކޮށްފަ އެވެ.

ރައީސް އޮފީހުން މިމަހުގެ ފަސްވަނަ ދުވަހު ބުނީ ރައީސް މުއިއްޒާއި ”ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ“ އާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން އެ ހަބަރު ގެނެސްދިނުމުން އެއީ ޕްރިންސެއް ނޫން ކަމަށާއި އެއީ ކޮން އާޓިސްޓެއް ކަމަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ބުނެފައިވެ އެވެ. ރައީސް މުއިއްޒު ބައްދަލުކުރެއްވީ ޕްރިންސެއް ކަމަށް ހެދިގެން ރާއްޖެ އައި ކޮން އާޓިސްޓަކާ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ބުނެފައިވެ އެވެ. ރައީސް އޮފީހުން އެކަމާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ނުކުރެ އެވެ.

ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުން މިމަހުގެ 30 ވަނަ ދުވަހުގެ ވަގުތެއްގައި ވަނީ އެ ބައްދަލުކުރެއްވުމާ ގުޅޭ ލިޔުމާއި ފޮޓޯތައް ޑިލީޓްކޮށްފަ އެވެ. ރައީސް އޮފީހުގެ އެ ހަބަރު ލިންކަށް މިހާރު ވަނުމުން އަރަނީ ލިޔުން ޑިލީޓްކޮށްފައިވާ ކަމަށެވެ.

އަދި މިހާރު ވަނީ އެ ބައްދަލުވުމުގެ ފޮޓޯތައް އާންމުކޮށް ރައީސް އޮފީހުން އެކްސްގައިކުރި ޕޯސްޓުތައް ވެސް ޑިލީޓްކޮށްފަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން އެ ލިޔުން ޑިލީޓް ކުރިނަމަވެސް ވެބް އާކައިވްގައި އެ ލިޔުން ވަނީ އާކައިވް ކުރެވިފަ އެވެ