ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުންނަށް ފޮނުއްވި މެސެޖެއްގަ އެވެ.
”އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ،“ ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވަނީ ކޮން ޕާޓީއެއްގެ ފަރާތުން ކަމެއް ނަޝީދު ވިދާޅެއް ނުވެ އެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ފަރާތުން އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅާކީ ނަޝީދެވެ. އެ މަނިކުފާނު ވެރިކަން ކުރެއްވީ 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށެވެ. ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން އެ މަނިކުފާނު އިސްތިއުފާ ދެއްވީ އެ މަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އޭރު ސިފައިންނާއި ފުލުހުން އަދި އާންމުންކުރި މުޒާހަރާތަކާ ގުޅިގެންނެވެ.
އެ ފަހުން އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންނެވީ 2018 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ނަޝީދާއި ސޯލިހާއި ކުޑައިރުއްސުރެ ދެ އެކުވެރިކަމުގައިވީ ނަމަވެސް ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އެ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ މައްސަލަ ޖެހި ވަނީ އެމްޑީޕީގެ ތެރެއިން ދެ ފެކްޝަނެއް އުފެދިފަ އެވެ.
ކޯޅުންގަނޑު ބޮޑުވެ، ނަޝީދަށް ތާއީދުކުރާ ފެކްޝަންގެ މީހުން ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައިފަ އެވެ. އެ ޕާޓީ އުފެއްދިތާ ދުވަސްކޮޅެއް ފަހުން އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނަޝީދު ވަނީ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ.

22 Comments
ގުޅުންހުރި
ފައިސަލްގެ ޕޯސްޓެއް: ނަޝީދު ޓެގުކޮށް، ލިޔުއްވީ އެ މަނިކުފާނުގެ ބަސްކޮޅެއް!
މޫސުމީ ބަދަލުތަކަށް ތައްޔާރުނުވެއްޖެނަަ އިއްޔެ ފެނުނު މަންޒަރު އަލުން ފެންނާނެ: ނަޝީދު
އިންޑިއާއިން ރާއްޖޭގެ ވެރިކަމާ ކުޅޭނެ ކަމަށް ގަބޫލެއް ނުކުރެވޭ: ނަޝީދު
ޑރ. ނިޔާފުގެ ހެކިބަސް: ފަރުވާ ދެމުންދަނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު
ރާއްޖެ-އިންޑިއާ ގުޅުން ރަނގަޅުވާތީ ނަޝީދު އުފަލުން: އަބަދުވެސް ތިބެންވާނީ އެކުވެރިކަމުގައި