އިޒްރޭލުން އީރާނަށް ރޭ ދިން ހަމަލާތަކުގައި އެމެރިކާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރެކިއްޖެ އެވެ.
އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާތަކަށްފަހު ދެ ގައުމުގެ ދެމެދު ވަނީ ވަރުގަދަ ހަނގުރާމައެއް ފެށިފަ އެވެ. އެގޮތުން ދެ ގައުމުންވެސް ހަމަލާތައް ދަނީ ބަދަލު ކުރަމުންނެވެ.
ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގުރޫޕުން ހިންގާ ޓްރުތް ސޯޝަލް ޕްލެޓްފޯމުގައި ޓްރަމްޕް އެހެން ބުނުމަށްފަހު ވަނީ އީރާނަށް އިންޒާރެއްވެސް ދީފަ އެވެ.
”އެމެރިކާއަށް އެއްވެސް ގޮތަކަށް އީރާނުން ހަމަލާއެއް ދީފި ނަމަ، ކުރިން ނުފެންނަ މިންވަރަށް އެމެރިކާގެ އަސްކަރިއްޔާގެ ބާރާއި ފެންވަރު އީރާނަށް ދައްކާލާނަން،“ ޓްރަމްޕް ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނީ، އީރާނާއި އިޒްރޭލާ ދެމެދު ވަރަށް ފަސޭހަ އެއްބަސްވުމެއް ގާއިމުކޮށް، މި ލޭ އޮހޮރުވުން ނިމުމަކަށް ގެނެވިދާނެ ކަމަށެވެ.



