ޖަލުން ފިލަންވެގެން ފާރުގައި ހެދި ބާގަނޑުގައި ތާށިވެއްޖެ!

ބްރެޒިލްގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ގައިދީއަކު ޖަލުން ފިލަންވެގެން ފާރުގައި ހެދި ބާގަނޑުގެ ތެރޭގައި ތާށިވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބްރެޒިލްގެ ރިއޯ ބްރެންކޯ ސިޓީގައި ހުންނަ ޖަލެއްގައި ބަންދުކޮށްފައި ހުރި އުމުރުން 32 އަހަރުގެ އެލަން ލިއެންޑްރޯ ޑި ސިލްވާ އެ ބާގަނޑު ހެދީ ދެ ދުވަސް ތެރޭގަ އެވެ.

އެކަމަށް އޭނާ ބޭނުންކުރީ ފިހިގަނޑަކާއި މޮހޮރެއް ކަމަށް އޭނާއާ ހަވާލާދީ ފަޔާ ޑިޕާޓްމަންޓްގެ ތަރުޖަމާން މީޑިއާތަކަށް ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި އެލަން ފާރު ތެރޭގައި ތާށިވެފައި ހުރިކަން ޖަލުގެ ގާޑުންނަށް އެނގުނީ ޕެޓްރޯލް ކުރުމުގެ ތެރޭގަ އެވެ. އޭނާ އެތަނުން ސަލާމަތްކުރީ ފަޔާ ފައިޓަރުން އައިސްގެން ފާރު އިތުރަށް ތޮރުފައިގެންނެވެ.