ނަތަންޔާހޫގެ ޔަހޫދީ ވިސްނުމަކީ މުޅި ދުނިޔެ ބޮޑު މުސީބާތެއްގެ ތެރެއަށް ވައްޓާލުން: އުރުދުގާން

މުޅި މެދުއިރުމައްޗާއި މުޅި ގައުމު ބޮޑު މުސީބާތެއްގެ ތެރެއަށް ވައްޓާލުމަކީ ފަލަސްތީންގެ ބިމަށް ވެރިވެގަނެގެން އުޅޭ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޔަހޫދީ ވިސްނުން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔަބު އުރުދުގާން ވިދާޅުވެއްޖެ އެވެ.

އިސްތަންބޫލްގައި މިއަދު ފެށި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސަމިޓުގެ ބައިވެރިންނާ މުހާތަބު ކުރައްވައި އުރުދުގާން ވިދާޅުވީ އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަކީ އީރާނާއި އެމެރިކާއާ ދެމެދު ފަށާފައިވާ ނިއުކްލިއާ މަޝްވަރާތަކަށް ހުރަސް އަޅަން ގަސްދުގައި ކުރި ކަމެއް ކަމަށެވެ.

ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުން އެއްވެސް މައްސަލައެއް ސުލްހަވެރިކަމާއެކު ހައްލު ކުރަން ބޭނުން ނުވާކަން އެކަމުން ހާމަވެގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

”އަހަރެންމެންގެ މުޅި ސަރަހައްދާއި މުޅި ގައުމު ބޮޑު މުސީބާތެއްގެ ތެރެއަށް ވައްޓާލުން ނޫން ވިސްނުމެއް ނަތަންޔާހޫގެ ނެތް،“ އުރުދުގާން ވިދާޅުވި އެވެ.

އޭނާ ވަނީ އިޒްރޭލުގެ މައްޗަށް ނުފޫޒު ފޯރުވާ ގައުމުތަކުން އެ ގައުމުގެ ވިހަ ބަސް ނޭހުމަށް ގޮވާލައިފަ އެވެ. އަދި ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ މުއާހަދާތަކާ ހިލާފުނުވާ ގޮތަށް އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން އިތުރުކުރަން މުސްލިމު ގައުމުތަކަށް އުރުދުގާން ގޮވާލެއްވި އެވެ.