އޯގަސްޓް 10, 2025

ރައީސް ނަޝީދު އަލުން އެމްޑީޕީއަށް، ”އެނބުރި ގެއަށް އާދެވުމުންވާ އުފާ ވެއްޖެ“

ދެ އަހަރު ފަހުން ކުރީގެ ރައީސް، މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވީ ސަލްޓަން ޕާކުގައި މިރޭ ބޭއްވި އެމްޑީޕީގެ ހާއްސަ ޖަލްސާގައެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެ ޕާޓީއާ ދުރުގައި ހުންނެވުމަށް ފަހު، އެނބުރި ވަޑައިގެންނެވުމުން އިންތިހާއަށް އުފާކުރައްވާ ކަމަށެވެ.

”އަޅުގަނޑު ޕާޓީއާ ދުރުގައި ދެ އަހަރެއް ވަރު ވެއްޖެ. އެހެން ނަމަވެސް މިރޭ މި ތަނަށް އައިސް ހުންނައިރު، އިންތިހާއަށް އަޅުގަނޑު އުފާވޭ. އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން، އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ދިރިއުޅެނީ އެފްރިކާގައި، އަލުން އަނބުރާ ގެއަށް އާދެވުމުން އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން، އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑު ހިތުން ދުވަހަކު ވެސް ހިތުން ފިލައިގެނެއް ނުދާނެ.“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ގައުމީ މަޖިލީހުގެ ބޭފުޅުން، އެ މަނިކުފާނު އަލުން އެ ޕާޓީއަށް ގުޅިވަޑައިގަތުމުން ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. އެ މަނިކުފާނަކީ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.

ނަމަވެސް 18 އަހަރު ދުވަހު އެ ޕާޓީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވުމަށްފަހު ޖޫން 21، 2023 ގައި ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވި އެވެ. އެއީ އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުމުގެ ތެރެއިންނެވެ.

އޭގެ ފަހުން އެ މަނިކުފާނު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. އެ ޕާޓީއަށް ރައީސް ނަޝީދު ސޮއިކުރެއްވީ ޖުލައި 13، 2023 ގަ އެވެ. މިއަދާ ހަމައަށް އެމަނިކުފާނު ހުންނެވީ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގަ އެވެ.

ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމީ ޖޫން 17 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ބައްދަލުވުމެއްގަ އެވެ. ޖެހިގެން އައި ދުވަހުގެ ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވައި ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ކިއުމަށް ނިންމި އެވެ.

ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމެވި އިރު 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

6 Comments

  • Noorul Haya ޖޫން 23, 2025

    Kon irakutha fundaalanee

  • Abdulla Ali ޖޫން 23, 2025

    ވަގެއް

  • Mariyam Didi ޖޫން 24, 2025

    ދެންކޯޗެށްތަރޫޅާލާނީ

  • Mahammad Rasheed ޖޫން 24, 2025

    އުފާފާޅުކުރަމުންގޮސް ގިރިޔަކަށް ނުބީހޭތި ގޭތެރޭ އެފަދަގިރިއެއް އޮތްތޯބަލާތި

  • އަޙުމަދު ޢާދިލް ޖޫން 24, 2025

    Unbah dhehtho

  • Sha Riie ޖޫން 25, 2025

    Theyobidi Unbah..?😜

Leave a Reply to Mahammad Rasheed Cancel reply