އޯގަސްޓް 1, 2025

އަސްކޮއިގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް އުމްރާ ހުއްދަ ނުދޭން ނިންމައިފި 

އުމްރާއަށް ގެންދާނެ ކަމަށް 28 މީހެއްގެ އަތުން ފައިސާ އަތުލައި، އަޅުކަމަށް ނުގެންދިޔަ މައްސަލާގައި އަސްކޮއި ގްރޫޕްގެ ހުއްދަ ބާތިލްކޮށް އެ ކުންފުނީގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ވެސް އުމްރާ ހުއްދަ ނުދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ  އުމްރާއަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ އަތުލައި އަސްކޮއި ޓްރެވެލް ސާވިސް އިން އުމްރާއަށް ނުގެންދިޔަ މައްސަލަ އެކިއެކި ފަރާތްތަކުން މިނިސްޓްރީއަށް  ހުށަހަޅާފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ އެ ފައިސާ ދެއްކި މީހުންގެ ޕާސްޕޯޓާއި މުހިއްމު ލިޔެކިޔުންތައް ހޯދަން އަސްކޮއި ގްރޫޕުގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވިކަމުގެ ޝަކުވާތައް ވެސް ގިނަ ފަރާތްތަކަކުން ހުށަހަޅާފައިވާ ކަމަށެވެ.

އަސްކޮއި ގްރޫޕުން ކުރިން ބުނެފައިވާ ގޮތުންނަމަ އެ ކުންފުނީގެ ހަވާލުގައި މިދިޔަ ބުރާސްފަތި ދުވަހު އުމްރާއަށް ފުރަން ހަމަޖެއްސި މީހުންގެ ދަތުރު ފަހު ވަގުތު ކެންސަލްކުރީ ސައުދީއަށް މި ވަގުތު ދަތުރުކުރުން ރައްކާތެރި ނޫން ކަމާއި ގަލްފުގެ އުފެދިފައިވާ ހަމަނުޖެހުމާ ގުޅިގެންނެވެ.

މިނިސްޓްރީން ބުނީ އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން، އަސްކޮއިގެ އިސްވެރިޔާއާ ރަސްމީކޮށް ކުރި އެއްވެސް މުއާމަލާތަކަށް ޖަވާބެއް ނުދެ އެވެ.އެހެންވެ، އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް އަސްކޮއި ކުންފުނިން އަމަލުކޮށްފައިވާތީ ފިޔަވަޅު އަޅަން ނިންމީ ކަމަށް، ބަޔާނުގައި ވެ އެވެ.

ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް އެވެ. މީގެ އިތުރުން އަސްކޮއި ހައްޖު އުމްރާ ގްރޫޕްގެ ނަމުގައި ވެސް ވަނީ ކުންފުންޏެއް އުފައްދައިފަ އެވެ.

އަސްކޮއި ގްރޫޕަށް ފަސް ފިޔަވަޅެއް އަޅަން ވަނީ ނިންމައިފަ އެވެ. އެއީ؛

1. އުމްރާއަށް ގެންދަން ދޫކޮށްފައިވާ ހުއްދަ ބާތިލްކުރުން

2. ޖޫރިމަނާކުރުން

3. ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުން

4. އުމްރާ ދަތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ދިނުމަށް އެންގުން

5. ޕޮލިހަށް މައްސަލަ ހުށަހެޅުން

މިއީ، އަސްކޮއި ގްރޫޕާ ގުޅޭގޮތުން މި އަހަރު ހުށަހެޅި ދެ ވަނަ މައްސަލަ އެވެ.