އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމާ ގުޅޭ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ, އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓްކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުން ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަކީ އެންމެންނަށް ވާސިލުވެވޭނެ, ރައްކާތެރި, ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުމަށްޓާކައި ކަނޑައަޅަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި, ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތަކާއި އެ ނޫންވެސް ކަމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމަކީވެސް އެ ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އެ ބިލުގައިވާ ގޮތުން ހުއްދަ ދެނީ ހަމައެކަނި ލައިވް ޑޯނާ އޯގަން ޓްރާންސްޕްލާންޓް ކުރުމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންގެ ގުނަވަން ހަދިޔާއެއް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

މި ބިލު ފާސްކުރުމާއެކު ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލްގެ ނަމުގައި ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދަންޖެހެ އެވެ. އެ ކައުންސިލުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިދުމަތް ދިނުމަށް ހުއްދަ ދިނުމާއި ބާތިލުކުރުމާއި ގަނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި ހިދުމަތްދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބެލުން ހިމެނެ އެވެ.

އޭގެ އިތުރުން ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދިނުމަށްޓަކައި ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީގެ ނަމުގައި ފަސް މެންބަރުންގެ ކޮމިޓީއެއްވެސް އުފައްދަންޖެހެ އެވެ.

2 Comments

  • Mohamed Ahmeem Adam އޮކްޓޯބަރ 12, 2025

    Veringe boa transplant kuran vee vakkan nukuraa sinkundi eh lavvan vee !!!

  • Mid Hat D. Midde އޮކްޓޯބަރ 12, 2025

    Meehun gellen fashanee kanneynge mi dhauru hama vaan vaairah 🤔🤔🤔

Leave a Reply to Mid Hat D. Midde Cancel reply