ޑިސެމްބަރ 3, 2025

ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގައި ކެބިނެޓު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފު، ޖަޕާނަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަހުލޫފު އެ މަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހު އެވެ. އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ މަހުލޫފާ އިންޓަވިއުކޮށްފަ އެވެ.

މަހުލޫފު އެ މަގާމަށް އައްޔަން ކުރަން ކޮމިޓީން ރުހުން ދޭން ފާސްކުރީ ބައްދަލުވުމުގައި ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ވޯޓު ދެއްވި އަށް މެންބަރުންގެ އިއްތިފާގުންނެވެ.

އެ މަގާމަށް މަހުލޫފު އައްޔަން ކުރަން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 60 މެންބަރުން ވޯޓު ދެއްވި އެވެ. މީގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ.

މަހުލޫފުގެ ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭގެ ފަހުން މައުމޫން އުފެއްދެވި ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ވެސް މަހްލޫފް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެ ޕާޓީން އޭނާ ވަކިކުރީ އެވެ.

މަހުލޫފް ދެން ގުޅިވަޑައިގަތީ އެމްޑީޕީއާ އެވެ. އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހުގަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޔޫތް މިނިސްޓަރުކަން ކުރެއްވި އެވެ. މިދިޔަ ވެރިކަން ނިމުމަށްފަހު ސިޔާސީ ކަންކަމާ ދުރުގައި ހުންނެވުމަށްފަހު އެމްޑީޕީން މަހުލޫފް ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެންބަރު މަހު އެވެ.

މަހުލޫފް ޕީއެންސީއަށް ސޮއިކުރެއްވީ ނޮވެމްބަރު 14، ގައި އާޓިފިޝަލް ބީޗުގައި އެ ޕާޓީން ބޭއްވި ޖަލްސާގަ އެވެ.