ޖެނުއަރީ 20, 2026

ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ 

އިއްޔެ ބަންޑުން ޖަހާލި މުދާ އުފުލާ ދޯނިން ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ފުލުހުން އިއްޔެ ބުނީ، ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ”ބަލްމާ 6“ ނަމަކަށް ކިޔާ އެ މުދާ އުފުލާ ދޯނި ކ. ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހެނދުނު 7:27 އެހާކަންހާއިރު ކަމަށެވެ.

ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެއީ ދިވެއްސަކާއި ބަންގުލަދޭޝް މީހެކެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ފެނިފައިވަނީ ތާޖް އެގްޒޯޓިކާ ކައިރިން ކަމަށެވެ. އޭނާގެ ހަށިގަނޑު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތާ ގުޅޭގޮތުން އެމްއެންޑީއެފުން މިއަދު ބުނީ އެ މީހާ ހޯދުމަށް ކަނޑާއި ވައިގެ މަގުން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެ މީހާ ފެނިފައި ނުވާ ކަމަށެވެ.