ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ޕީއެންސީގެ ޓިކެޓު ކަށަވަރުކުރެއްވުމަށް ބޭއްވި ޕްރައިމަރީ، ކުރިން ވެސް އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާން މިއަދު ކާމިޔާބުކުރައްވައިފިއެވެ.
މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކުރިއަށްގެންދިޔަ މި ޕްރައިމަރީގައި ސިނާނާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. ސިނާނަށް 226 ވޯޓު ލިބުނު އިރު، ސައީދަށް ލިބުނީ 200 ވޯޓެވެ.
ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައި ނުވާކަން ސާބިތުވުމުން ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ގައި ބޭއްވުމަށެވެ. ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. އިދިކޮޅު އެމްޑީޕީގެ ޓިކެޓު ލިބިފައިވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށެވެ. އެ ޕާޓީގެ ޕްރައިމަރީއަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ ސޯބެއަށް ޓިކެޓު ލިބުނީ އިންތިހާބަކާ ނުލައެވެ.









