އިދިކޮޅުގައި ތިބީ އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި، ފެއިލްވެފައިވާ ލީޑަރުންތަކެއް: ރައީސް 

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ޕީއެންސީ

އިދިކޮޅުގައި މިހާރު ތިބީ އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި، ފެއިލްވެފައި ލީޑަރުންތަކެއް ކަމަށް ވިދާޅުވެ، ކުރީގެ ތިން ރައީސުން ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ދިފާއުގައި މަސައްކަތްކުރައްވަން ކުރީގެ ތިން ރައީސުން މިރޭ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ލީޑަރުން އިސްކުރަނީ އަމިއްލަ އެދުން ކަމަށާއި އެކުވެރިކަމެއް، ގައުމު އިސްކުރުމުގެ ވިސްނުމެއް އެ ބޭފުޅުން ނުގެންގުޅުއްވާ ކަމަށެވެ.

ޒިންމާދާރު އޮޕޮޒިޝަނެއްގެ ކެޕޭސިޓީއެއް އަދި އުރަތްޕެއް ވެސް އެ ފަރާތްތަކުގެ ނެތް ކަމަށާއި ޒިންމާދާރު އޮޕޮޒިޝަނެއް މިހާރު ނެތް ކަމަށެވެ. އަދި ވެރިކަމުގެ ފުރުސަތު ލިބުނީމަ މަސައްކަތްކުރަނީ އަމިއްލަ މަންފާތަކެއް ހޯދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ މަސައްކަތްތައް ކުރަން ޒިންމާދާރު އޮޕޮޒިޝަން ބޭނުންވާ ކަމަށާއި ބަތްކައްކާ މީހުން އުޅެގެން ގައުމަށް ފައިދާއެއް ނެތް ކަމަށެވެ. އަދި އިދިކޮޅު މިހާރު ތިބީ އެކަކު އަނެކަކު ބުރަކައްޓަށް ވަޅި ޖަހާފައި ތިބި، ފެއިލްވެފައި ތިބި ލީޑަރުންތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ދައްކާނެ ވާހަކައެއް ނެތީމަ، އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތްކުރަނީ އެ މަނިކުފާނުގެ އަބުރު ކަތިލުމުގެ މަސައްކަތް ކަމަށާއި ކިތަންމެ ވަރަކަށް ޑޮކިއުމެންޓަރީތައް ހެދިޔަސް، އެކަމުގެ ހުރިހާ ހެވެއް އޮތީ އެ މަނިކުފާނަށް ކަމަށް ރައީސް ވިދާޅުވިއެވެ.