ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ގިނަގިނައިން ސަދަގާތްކުރުމަކީ ވެސް މަތިވެރިވެގެންވާ އަޅުކަމެއް

ހައްޖު މަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި، ގިނަގިނައިން ސަދަގާތްކުރުމަކީ ވެސް މަތިވެރިވެގެންވާ އަޅުކަމެއް ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުބާގައި ބުނީ ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގައި ކުރެވޭނޭ ހެޔޮ އަމަލުތަކުގެ ތެރޭގައި ތަކުބީރާއި ތަސްބީހަކިޔައި، މާތް ﷲގެ މަތީން ހަނދުމަކުރުން ހިމެނޭ ކަމަށާއި ކީރިތި ގުރުއާނުގައި މި ދުވަސްތައް ސިފަކުރައްވައިފައިވަނީ ޒިކުރުކޮށް އުޅޭ ދުވަސްތަކެއްގެ ގޮތުގައި ކަމަށެވެ.

ހައްޖު މަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި މި ދުވަސްތަކުގައި ނުބައި ކަންކަމާ ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ހެޔޮ ކަންކަމަކީ މީހާއަށް މާތް ﷲގެ ރަހުމަތާއި ނިޢުމަތްތައް ލިބުމުގެ ސަބަބެއްކަމުގައި ދަންނަން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

”ހެޔޮކަމުން ފުރިގެންވާ މި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ޓަކައި، މި ދުވަސްތަކުގައި ގިނަގިނައިން ސަދަގާތްކުރުމަކީ ވެސް މަތިވެރިވެގެންވާ އަޅުކަމެކެވެ..،“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އުޟުހިޔާ ކަތިލުމަކީ ވެސް މި ދުވަސްވަރު ކުރުމަށް ޝަރުއުގައި ކަނޑައަޅުއްވައިފައިވާ ހެޔޮ އަމަލެއް އަދި އެއީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި އުޟުހިޔާގެ ގޮތުގައި ކަތިލެވޭނީ ގެރި، ބަކަރި، ޖަމަލު ފަދަ ނައަމްސޫފީގެ ބާވަތްތަކުގެ ތެރެއިން ބާވަތެއް ކަމަށެވެ. އީދު ނަމާދުގެ ފަހުން ފެށިގެން އައްޔާމުއްތަޝްރީގުގެ ފަހު ދުވަހު އިރުއޮއްސިއްޖައުމާ ހަމައަށް މިކަމުގެ ވަގުތު ތަނަވަސްވެގެންވާ ކަމަށް ހުތުބާގައި ބުންޏެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި މި ދުވަސްތަކުގައި ކުރެވޭނޭ އެންމެ ހެޔޮ އަމަލަކީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުން ކަމަށާއި އިސްލާމްކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ފަސްވަނަ ރުކުން ފުރިހަމަކުރުން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އެކަންކަމުގެ އިތުރަށް، މި މަތިވެރި ދުވަސްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމާއި، ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވުމާއި، ކީރީތި ގުރުއާން ކިޔެވުމާއި، ގުރުއާނާ މެދު ވިސްނައި ފިކުރުކުރުމާއި، ގިނަގިނައިން މާތް ﷲގެ ހަޟުރަތުގައި ދުއާ ދެންނެވުމާއި، ރޭ އަޅުކަންކުރުން ފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއްދީ ހެޔޮކަންކަމުގައި ޝާމިލުވެ އެ ކަންކަމުގައި ދެމިތިބެން ޖެހޭ ކަމަށެވެ.