ޑައިވަރުން ހޯދުމުގެ މަސައްކަތް ބައްލަވައިލެއްވުމަށް ރައީސް، ހާދިސާ ހިނގި ސަރަހައްދަށް

ޑައިވަރުން ހޯދުމުގެ މަސައްކަތް ބައްލަވައިލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންނެވުން -- ފޮޓޯ: ރައީސް އޮފީސް

ވ. އަތޮޅުގައި ފީނަން ދިޔަ އިޓަލީ ވިލާތުގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ސަރަހައްދަށް ވަޑައިގެން، ޑައިވަރުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އޮޅުންފިލުއްވައިފިއެވެ.

ކަމާ ބެހޭ ފަރާތްތަކުން އެ ސަރަހައްދުގައި ގާއިމުވެ ތިބެގެން މީހުން ހޯދައި ސަލާމަތްކުރުމަށް ފައްޓާފައިވާ މަސައްކަތުގެ ތަފްސީލީ މައުލޫމާތު ވަނީ ރައީސްއާ ހިއްސާކުރައްވައިފައެވެ. މި ޒިޔާރަތުގައި ރައީސް ވަނީ މި މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ކަންކަން ސަރުކާރުގެ ފަރާތުން ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، މަސައްކަތުގައި އުޅުއްވާ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި، ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ވ. އަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު އިޓަލީ ވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. އިތުރު ހަތަރު ޑައިވަރުން ގެއްލިފައިވާ މި ހާދިސާއާ ގުޅިގެން، ރައީސް ވަނީ އިޓަލީ ވިލާތުގެ ރައީސް ސާޖިއޯ މަޓަރެއްލާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައިފައެވެ.