ރައީސް ޑރ. މުހައްމަދު މުއިއްޒު ދޫނުދެއްވަންޏާ، އިދިކޮޅުން ވެސް ދޫނުދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގައުމު ހަމަމަގަށް އެޅުވުމުގެ ނަމުގައި ރައީސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެކުގައި މަސައްކަތްކުރައްވާނެ ކަންތައްތަކާ މެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ނޫސްވެރިންގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އެކުގައި މަސައްކަތްކުރެއްވުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.
ޖަލަށް ލާފައިވާ ނޫސްވެރިން ދޫކޮށްލެއްވުމަށް ރައީސް މުއިއްޒަށް ގޮވާލައްވާ ކަމަށާއި ރައީސް މުއިއްޒު ދޫނުދެއްވާ ނަމަ، އެބޭފުޅުން ވެސް ދޫނުދެއްވާނެ ކަމަށެވެ. އަދި މަގުމަތީގެ ހަރަކާތް ހިންގަން ޖެހޭ ނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ގާނޫނީގޮތުންނާއި ރައްޔިތުންގެ މަޖިލިސް ތެރެއިން ވެސް މަސައްކަތްކުރައްވާނެ ކަމަށާއި ކަންކަން ހައްލުކުރުމަށް އިތުރު މަޖިލިސް މެންބަރުންތަކެއް ވެސް ގުޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.









