އޯޑިއޯއެއް ލީކުވެފައިވަނިކޮށް، ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު -- ފޮޓޯ: ރައީސް އޮފީސް 

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޔަޒްމީދު އިސްތިއުފާ ދެއްވާފައިވާކަން ޖޭއެސްސީން ވަނީ ކަށަވަރުކޮށްދީފައެވެ. ޔަޒްމީދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޝަނަށް އައްޔަންކުރެއްވި މެންބަރެކެވެ. އޭނާ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 23 ގައި، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ސަމީރު ވަކިކުރެއްވުމަށްފަހުއެވެ.

ޔަޒްމީދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިއިރު، އޭނާގެ އޯޑިއޯއެއް ކަމަށް ބުނާ ރެކޯޑިންއެއް މީގެ ކުރިން ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ އޯޑިއޯގައި ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށް ބާރުއަޅާ ވާހަކަ ދައްކާ އަޑު އިވެއެވެ.

އޭގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ބައެއްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ހަމައަށް ނުގޮސް ހުއްޓުވިދާނެ ކަމަށް ބުނާ ވާހަކަތަކެއް ވެސް އެ އޯޑިއޯގައި ހިމެނެއެވެ.