ދިވެހި ހައްޖުވެރިންގެ ފަހު ފްލައިޓް ސައުދީއަށް ފުރައިފި، މަބްރޫރް ހައްޖަކަށް އެދެން

މި އަހަރުގެ ހައްޖުގެ އަޅުކަމަށްދާ ދިވެހި ހައްޖުވެރިންގެ ފަހު ފްލައިޓް މިއަދު ސައުދީ އަރަބިއާއަށް ފުރައިފި އެވެ.

އެ ގްރޫޕުގައި ހިމެނެނީ 253 ހައްޖުވެރިންނެވެ. އެ ހައްޖުވެރިން ފުރީ މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ދިވެހިރާއްޖޭގެ ހައްޖު މިޝަން އިން ބުނާ ގޮތުން މި އަހަރު ރާއްޖެއިން ޖުމުލަ 1،025 ދިވެހިން ހައްޖުގެ އަޅުކަމަށް ވަނީ ފުރައިފަ އެވެ. ހައްޖުވެރިން ފުރާފައިވަނީ ހަތަރު ފްލައިޓެއްގައެވެ. އެއީ ސައުދިއާގެ ދެ ފްލައިޓަކާއި މޯލްޑިވިއަންގެ ދެ ފްލައިޓެކެވެ.

މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހިން ފުރި ދުވަހާއި ފުރި އަދަދު:

  • 15 މޭ: ސައުދިއާގެ ފްލައިޓެއްގައި 238 ހައްޖުވެރިން ފުރި
  • 17 މޭ: މޯލްޑިވިއަންގެ ފްލައިޓެއްގައި 260 ހައްޖުވެރިން ފުރިި
  • 18 މޭ: ސައުދިއާގެ ފްލައިޓެއްގައި 268 ހައްޖުވެރިން ފުރި
  • 19 މޭ މޯލްޑިވިއަންގެ ފްލައިޓެއްގައި 253 ހައްޖުވެރިން ފުރި

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ރާއްޖެއިން ހައްޖަށްދާ މީހުން ދަތުރުކުރީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިންނެވެ.

ހައްޖު ކޯޕަރޭޝަނުން ކުރިން ބުނެފައިވާ ގޮތުން، ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބެން ހަމަޖެހިފައިވާއިރު، ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހު ފަހަކުން ފެށިގެންނެވެ.