މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ބޭރު ގައުމުތަކާ އެކު މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެހެން ގައުމުތަކާ އެއްގޮތަށް ރާއްޖެއަށް ވެސް ތަކެތި ގެނައުމުގައި ދަތިތަކާ ދިމާވާ ކަމަށެވެ.
ނަމަވެސް ކާބޯތަކެއްޗާއި އަސާސީ ސާމާނު އަދި އެ ނޫންވެސް ތަކެތި ރާއްޖެއަށް ގެނައުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން އެކުވެރި ގައުމުތަކާ އެކު މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ޔޫރަޕުގެ ގައުމުތަކާއި އަރަބި ގައުމުތަކުގެ ސަފީރުންނާ ގުޅުއްވައި، އެ ގައުމުތަކުން ރާއްޖެއަށް ފަހިކޮށްދެވެން ހުރި ފުރުސަތުތައް ބައްލަވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ފޮރިން މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.









