މާލޭގެ ”ވެޓް މާކެޓް“ ޒަމާނީ ފެންވަރަށް ތަރައްގީކުރުން މާލޭ ސިޓީ ކައުންސިލުން ބިން ހަވާލުނުކުރެވިގެން ހުއްޓިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މާލޭގެ މާރުކެޓްތަކުގެ އިންފްރާސްޓްރަކްޗާ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ”މާލެ ވެޓް މާކެޓް ކޮމްޕްލެކްސް“ ތަރައްގީކުރުމުގެ މަޝްރޫއު 15 މާޗް 2026 ގައި ހަވާލުކޮށްފައިވަނީ ޓްރަސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 116،999،624.94 ރުފިޔާއެވެ. މި މަޝްރޫއުގެ ދަށުން ދެ އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވާ އިރު، ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ 50 މަސްދުވަހުގެ މުއްދަތަށް ބަހާލައިގެންނެވެ. މި އިމާރާތް ނިމޭއިރު ހުރިހާ ފަންގިފިލާއެއް އެކުވެގެން ޖުމްލަ 85,000 އަކަފޫޓުގެ ބޮޑު ޖާގައެއް ލިބިގެންދާނެއެވެ.
ޢަމަލީ މަސައްކަތް ފެށުމަށް މިނިސްޓްރީން ފުރިހަމަކުރަންޖެހޭ ފައިނޭންސްގެ ކަންކަން ކަށަވަރުވެފައިވާ އިރު، ކޮންޓްރެކްޓަރުގެ ފަރާތުންވެސް މަސައްކަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ނިންމައިފައެވެ. ނަމަވެސް، މަޝްރޫއު ހަވާލުކުރިތާ ދެ މަސް ދުވަސް ވެގެންދިޔައިރުވެސް މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައި ނުވާތީ، އަމަލީ މަސައްކަތް ވަނީ ފެށޭގޮތް ނުވެފައި ކަމަށް މިނިސްޓްރީން ބުނެއެވެ.
ޒަމާނީ ފެންވަރަށް ހިދުމަތް ދެވޭގޮތަށް ފަރުމާކޮށްފައިވާ މި ކޮމްޕްލެކްސްގެ ބޭސްމަންޓުގައި ޕާކިންގް ހިމެނޭ އިރު، ގްރައުންޑް ފްލޯ ހާއްސަކޮށްފައިވަނީ މަސް މާރުކެޓަށެވެ. އަދި ފުރަތަމަ، ދެވަނަ އަދި ތިންވަނަ ފަންގިފިލާ ދަނޑުވެރިކަމުގެ އުފެއްދުންތަކަށާއި މޭވާއާއި ތަރުކާރީއަށް ހާއްސަކޮށްފައިވާ އިރު، ޓެރަސްގައި ހުންނާނީ ފުޑް ކޯޓެކެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ސްކޯޕްގައި ސިވިލް، ސްޓްރަކްޗަރަލް، އާކިޓެކްޗަރަލް އަދި އެމްއީޕީގެ ހުރިހާ މަސައްކަތްތަކެއްގެ އިތުރުން ފިޝިން މަސައްކަތްތަކާއި، ފަޔާ ފައިޓިން ސިސްޓަމް، ފަސް ލިފްޓް، މަސް ބެހެއްޓުމަށް ސްޓެއިންލެސް ސްޓީލް ކިއޮސްކްތަކާއި، ތަރުކާރީ ބަހައްޓާނެ ލަކުޑި ކިއޮސްކްތަކުގެ އިތުރުން ފަސް ޓަނުގެ އައިސް މެޝިނެއް ބެހެއްޓުންވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.









