ބޭރުގެ މިޝަންތަކަށް ކުރީގެ ތިން ރައީސުންގެ ކަންބޮޑުވުމުގެ ސިޓީއެއް 

ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދު, ޔާމީން އަދި ސޯލިހު ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ --- ހަފްތާ ފޮޓޯ

ރާއްޖޭގެ ޑިމޮކްރެސީގެ އުސޫލުތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށް ތުހުމަތުކޮށް، ރާއްޖޭގެ ކުރީގެ ތިން ރައީސުން ގުޅިގެން ބޭރުގެ މިޝަންތަކަށް ކަންބޮޑުވުން ފާޅުކޮށް ސިޓީއެއް ހުށަހަޅުއްވައިފިއެވެ.

ރާއްޖޭގެ ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އިބްރާހީމް މުހައްމަދު ސޯލިހު މި ސިޓީ ފޮނުއްވާފައިވަނީ، ގައުމުގެ ހާލަތާ މެދު މަޝްވަރާ ކުރެއްވުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި އެކުގައި މަސައްކަތް ކުރެއްވުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހުގައެވެ. ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތައް ބޮޑު ނަމަވެސް، ރާއްޖޭގެ ޑިމޮކްރެސީ ދިފާއުކުރުމަކީ މިވަގުތު ގައުމީ ފެންވަރުގައި ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށް ދެކިވަޑައިގެން އެ ބޭފުޅުން ވަނީ ގުޅިފައިވާ މަސައްކަތެއް ފައްޓަވާފައެވެ.

އެ ބޭފުޅުން ފޮނުއްވި ސިޓީގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ނެރުނު ”ގެގް“ އަމުރެވެ. ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް ނޫހަކުން ނެރުނު ޑޮކިއުމަންޓަރީއެއް ދައުރުކުރުމާއި، އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުން މަނާކޮށް ނެރުނު އެ އަމުރަކީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީހުގައި ހިޔާލުފާޅުކުރުން ކޯޓަކުން މިވަރަށް މަނާކުރި ފުރަތަމަ ފަަހަރުކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި މި އަމުރާ ގުޅިގެން ސިއްރުން ބޭއްވި އަޑުއެހުންތަކެއްގައި، ވަކީލަކު އައްޔަންކުރުމަށް އެކަށީގެންވާ ވަގުތު ނުދީ ”އަދަދު“ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށް ލާފައިވާކަން ވެސް ތިން ރައީސުން ފާހަގަކުރެއްވިއެވެ. މިއީ އާ ގާނޫނުއަސާސީގެ ދަށުން ނޫސްވެރިކަން ކޮށްގެން ނޫސްވެރިންތަކެއް ޖަލުގައި ބަންދުކުރި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ސިޓީގައިވެއެވެ.

ސަރުކާރުގެ އަމަލުތަކާ ގުޅޭގޮތުން ފާޅުކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި، މިނިވަން މުއައްސަސާތައް ބަލިކަށިކުރުމާއި، ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުން ހިމެނެއެވެ. ސަރުކާރު ހިންގާ ޕާޓީގެ ބާރު އޮތް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ކޮންޓްރޯލް އޮންނަ މަޖިލީހުގެ ތެރެއިން، ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ނަމުގައި މީޑިއާތައް ބަންދުކުރުމުގެ ބާރު ކޮމިޝަނަކަށް ދީފައިވާކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލަކާ މެދު ނެގި ފެންނަ ނުފެންނަ ވޯޓެއްގައި 69 ޕަސަންޓު ރައްޔިތުން އެ ބަދަލާ ދެކޮޅު ހަދާފައިވާކަން ވެސް ތިން ރައީސުން ހަނދާންކޮށްދެއްވިއެވެ.

ރާއްޖޭގެ އިގުތިސޯދު ހީނަރުވެ، ރިޒާވު މަދުވެފައިވާ މި ދަނޑިވަޅުގައި، ނާގާބިލު ސަރުކާރެއްގެ ސަބަބުން ޑިމޮކްރެސީއަށް ނުރައްކާވެފައިވާ ކަމަށް އެ ބޭފުޅުން ސިފަކުރެއްވިއެވެ. އެ ސިޓީ ނިންމާލަމުން، ބޭރުގެ މިޝަންތަކުން މެދުވެރިވެގެން، ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށާއި ނޫސްވެރިންނާ ދެކޮޅަށް ހިންގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައިދިނުމަށް އެދިވަޑައިގެންފައިވެއެވެ.