ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި އިޓަލީގެ ފަސް ޑައިވަރުން މަރުވީ ހޮހަޅައިގެ ތެރޭގައި މަގު އޮޅި، ކޮޅުބެދިފައިވާ ބަޔަކަށް ވަދެވުމުން ކުރިމަތިވި ހާސްކަމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޑޭން ޔޫރަޕްގެ ސީއީއޯ ލޯރާ މަރޯނީ ވިދާޅުވެއްޖެއެވެ.
މަރޯނީ ވިދާޅުވީ ހޮހަޅައިގެ ދެވަނަ ބަޔަށް ވަދެ ބަލައިލާއިރު ނުކުމެވޭނެ މަގު އޮޅޭ ގޮތްވާ ކަމަށެވެ. އެއީ މަގާ ދިމާލުން ވެލި އުސްކޮށް އެޅިފައި ހުރުމުން، އެ ތެރޭގައި ތިބެގެން ބަލާއިރު ނުކުމެވޭނެ މަގު ނުފެންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މަރޯނީ ލަފާކުރައްވާ ގޮތުގައި، ނުކުމެވޭނެ މަގު ނުފެނިގެން ހާސްކަމުގެ ތެރޭގައި ޑައިވަރުންނަށް އިތުރަށް އެތެރެއަށް ދެވި، ކޮޅުބެދިފައިވާ ތިންވަނަ ބަޔަށް ވަދެވުނީއެވެ.
އެ ހާދިސާގައި މަރުވި މޮނިކާ މޮންޓެފަލްކޯން (52އ) އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލް (20އ) އާއި މުރިއެލް އޮޑެނީނޯ (31އ) އާއި ފެޑެރިކޯ ގުއަލްޓިއޭރީ (31އ) ގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ އެންމެ ފަހު ބައިގެ ދޮރުމަތިން ގާތްގަނޑަކަށް 165 ފޫޓު (50 މީޓަރު) އަޑިންނެވެ. އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) ގެ ހަށިގަނޑު ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
މަރޯނީ ވިދާޅުވި ގޮތުގައި ޑައިވަރުން ބޭނުންކޮށްފައިވަނީ އާދައިގެ 12 ލިޓަރުގެ އޮކްސިޖަން ފުޅިއެވެ. އެއީ އެހާ ފުނަށް ފީނާއިރު ކަމެއް ދިމާވެއްޖެ ނަމަ އެކަށީގެންވާ ވަގުތު ލިބޭނެ މިންވަރެއް ނޫން ކަމަށާއި، މަގު އޮޅި ހާސްވެ އަވަސްއަވަހަށް ނޭވާލެވުމުން ވަރަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ވައި ހުސްވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި ޑައިވަރުންނަކީ ރާއްޖޭގެ ސޮފްޓްކޮރަލްއާ ބެހޭ ދިރާސާއެއް ކުރުމަށް ހުއްދަ ނަގައިގެން އައި ބައެކެވެ. ނަމަވެސް ހުއްދަ ނެތް ދެ މީހަކު ޓީމުގައި ހިމެނޭ ކަމަށާއި، ހޮހަޅައަށް ވަންނަން އުޅޭކަން އަންގާފައި ނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެ މީހުން ހޯދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން އަދި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުން ބައިވެރިވެފައިވާ އިރު، މި މަސައްކަތުގެ ތެރޭގައި ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ ނިޔާވެފައެވެ. އޭގެ ފަހުން ޑޭން ޔޫރަޕްގެ ޑައިވަރުން ވަނީ ހަތަރު މީހުންގެ ހަށިގަނޑު ނަގައިފައެވެ.







