ހައްޖަކީ އެހެނިހެން އަޅުކަންތަކާ ހިލާފަށް ވަރަށް ބުރަ އަޅުކަމެއް ކަމަށާއި އެކަމުގައި ތިމާގެ ޖާނާއި މުދާ ހޭދަކުރަން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ފުރިހަމަ ގޮތުގައި ހައްޖު އަދާކުރުމަށް ފަހު ހެޔޮ އަމަލުކުރުންމަތީ ދެމިހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެގޮތުން ފާފަތަކަށް އަރައިނުގަތުމަށް އަޒުމު ކަނޑައަޅައި އެގޮތުގައި ދެމިހުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ތިމާގެ ދިރިއުޅުމަށް މަސައްކަތްކުރުމާއެކު ރަހިމުގެ ގުޅުމާއި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އާއިލީ ގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި މުޖުތަމައުގައި އުޅުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
”ހައްޖަކީ އެހެނިހެން އަޅުކަންތަކާ ހިލާފަށް ވަރަށް ބުރަ އަޅުކަމެކެވެ. އެކަމުގައި ތިމާގެ ޖާނާއި މުދާ ހޭދަކުރާން ޖެހޭ ކަމެކެވެ. އެކަމުގައި ދަތުރުފަތުރު ހިމެނެއެވެ. ބައިބޯކަމާއި ކާރުބާރު ބޮޑުކަން ހިމެނެއެވެ. އެހެންވުމުން އުރެދުންތަކަށް އަރައިނުގަނެ، ކެތްތެރިވެ، ދޫރައްކާތެރިކޮށް، މަޑުމައިތިރިވެ ޝަހުވާނީ އެދުންތަކުން ދުރުހެލިވެ ހައްޖުގެ މަނާސިކުތައް އަދާކުރާށެވެ..،“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ހައްޖަކީ އިންސާނާގެ ދުންޔަވީ ހަޔާތުގެ ކުޑަކުޑަ ދަތުރެއްކަމީ، ހައްޖުގެ އަޅުކަމުގައި މާތް الله ލައްވައިފައިވާ ޝައީރާތަކުން ކަށަވަރުވެ އެނގޭ އެއް ހަގީގަތް ކަމަށެވެ. އަދި ހައްޖުވެރިޔާ އިހުރާމް ބަންނަ ހިނދުން ފެށިގެން ހައްޖުގެ މަނާސިކުތައް ނިމޭންދެން ކުރިއަށްދާ ގޮތަށް، އިންސާނާ އޭނާގެ ހަޔާތުގައި ދުންޔަވީ ދުވަސްތައް ވޭތިކުރަމުންދާ ކަމަށް ހުތުބާގައި ބުންޏެވެ.
ހައްޖު މޫސުމުގައި ތިމާގެ މުދާ ހޭދަކޮށް، ތިމާގެ އަހުލުވެރީންނާއި، ވަޒަން ދޫކޮށް މައްކާއަށް ގޮސް އަޅުކަމުގައި މަޝްއޫލުވެ، އެކަމުގައި ހައްޖާޖީން ވަގުތު ހޭދަކުރާ ކަމަށާއި އެކަލާނގެ ގެފުޅުގައި ތަވާފުކޮށް، ރޭގަނޑާއި ދުވާލުގެ ވަގުތުތައް އަޅުކަމަށް ހުސްކުރާ ކަމަށެވެ، ދަމު ނަމާދާއި، ޟުހާ ނަމާދުކޮށް، ޒިކުރުކުރުމާއި، ގުރުއާން ކިޔެވުމުގައި ވަގުތު ހޭދަކުރުމުގެ ކުރުމުގެ އިތުރުން ހައްޖު މޫސުމުގެ ދުވަސްތަކުގައި އަޅުކަމުގައި ހީވާގިވެ، ހަރަކާތްތެރިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ ހައްޖަށް ދިއުމުގެ ނަސީބު މިފަހަރު ނުލިބުނު ކަމުގައިވީ ނަމަވެސް، ހައްޖުވެރީން ފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ ހީވާގިވެ ތިމާ އަދާކުރާން ޖެހޭ ވާޖިބު އަޅުކަން އަދާކުރަން ޖެހޭ ކަމަށާއި މާތް الله އަށްޓަކައި އަޅުކަން ހާލިކުރަން ޖެހޭ ކަމަށެވެ. އެއިރުން މި ދުވަސްތަކުގެ ދަރުމައާއި ސަވާބު މާތް الله ދެއްވާނެ ކަމަށް ހުތުބާގައި ބުންޏެވެ.







