އެބޯލާ ޖެހޭ އެމެރިކާގެ ރައްޔިތުން ބޭތިއްބުމަށްޓަކައި ކެންޔާގެ އަސްކަރީ މަރުކަޒެއްގައި އެބޯލާ ކަރަންޓީނު ފެސިލިޓީއެއް ހަދަން ނިންމުމާ ދެކޮޅަށް، ކެންޔާގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކޮށްފި އެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އަވަށްޓެރި ޔުގެންޑާގައި 200 އަށްވުރެ ގިނަ މީހުން އެބޯލާ ޖެހިގެން މަރުވެފައިވާއިރު، ކެންޔާ އިން މި ބަލީގެ އެއްވެސް ކޭސްއެއް އަދި ފެނިފައެއް ނުވެ އެވެ. އެހެންވެ އެބޯލާ ޖެހޭ އެމެރިކާ މީހުން ކެންޔާގައި ބޭތިއްބުމަށް އެމެރިކާ އިން ހުށަހެޅި ހުށަހެޅުމާއެކު، އެ ގައުމުގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ނުރުހުމެއް އުފެދިފަ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން އެ ފެސިލިޓީ ހެދުމަށް ހަމަޖެހިފައިވާ ލައިކިޕިއާ އެއާބޭސްއަށް ދާ މަގުތަކަށް އިއްޔެ 100 އެއްހާ މީހުން އެއްވެ މުޒާހަރާ ކުރުމުން އެއާބޭސްއަށް ދާ މަގުތަކުގައި ފުލުހުންނާއި ސިފައިންގެ ހަރަކާތްތެރިވުން ވަނީ އިތުރުކޮށްފަ އެވެ.
އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި، މި މަރުކަޒަކީ ބައްޔަށް ހުށަހެޅިފައިވީ ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އަދި ފެންނަން ނެތް އެމެރިކާގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހަދާ 50 އެނދުގެ ފެސިލިޓީއެކެވެ.
ނަމަވެސް، ކެންޔާގެ ސިއްހީ ނިޒާމު ބަލިކަށިވެފައިވާ މިންވަރަށް ބަލާއިރު، މިފަދަ މަރުކަޒެއްގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވެދާނެތީ އެ ފެސިލިތީއާ ބެހޭ މާގިނަ ތަފުސީލުތަކެއް ހާމަކޮށްފައިނުވާތީ އެ މަޝްރޫއު މަޑުޖައްސާލުމަށް ކެންޔާގެ ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.


