ވޯލްޑް
ކަޕް

އަނިޔާއަށްފަހު އަންނަ ހަފްތާގައި ނޭމާ ޓީމާ ގުޅޭނެ

ފީފާ ވޯލްޑް ކަޕް 2026 އަށް ތައްޔާރުވަމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ، އަނިޔާގެ ސަބަބުން މިހާރު ކުރަމުންދާ ފަރުވާއަށްފަހު އަންނަ ހަފްތާގައި ޓީމުގެ ފަރިތަކުރުންތަކާ ގުޅޭނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ނޭމާގެ ފިޓްނަސްއާ ގުޅޭގޮތުން ވާހަކަދައްކަމުން އެންޗެލޮޓީ ބުނީ، ނޭމާގެ ރިކަވަރީ ޕްރޮސެސް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ނޭމާ މިހާރު އަންނަނީ ވަކިން ހާއްސަ ފަރިތަކުރުންތަކެއް ފުރިހަމަކުރަމުންނެވެ.

ނޭމާގެ އަނިޔާގެ ހާލަތު އިތުރަށް ބެލުމަށް މި ހަފްތާ ބަންދުގައި އެމްއާރުއައި ސްކޭނެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. ސްކޭންގެ ނަތީޖާ ރަނގަޅުނަމަ، އަންނަ ހަފްތާގައި އޭނާއަށް ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެއެވެ.

ނޭމާއަށް އަނިޔާވެފައިވަނީ ކަކުލު ހުޅުގެ މަތީ މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އެހެންކަމުން، މުބާރާތުގެ ފުރަތަމަ މެޗުގައި މޮރޮކޯއާ ދެކޮޅަށް ނުކުންނައިރު އޭނާގެ ފިޓްނަސްއަށް ބަލައިގެން ނޫނީ ޓީމަށް ނުނެރޭނެ ކަމަށް ކޯޗިން ސްޓާފުން ބުނެއެވެ.

ނޭމާ މިހާރު ވަނީ ބްރެޒިލްގެ ޓީމާއެކު މިސްރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ނުގޮސް، ނިއު ޖާޒީގައި ހުންނަ ޓީމުގެ މަރުކަޒުގައި ފަރުވާ ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ. ބްރެޒިލްގެ ކޯޗު އެންޗެލޮޓީ ވަނީ ނޭމާގެ ފަރިތަކުރުންތަކާ މެދު ހިތްހަމަޖެހުން ފާޅުކޮށް، އޭނާ ވޯލްޑް ކަޕަށް ފިޓްވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުނެފައެވެ.