ވޯލްޑް
ކަޕް

ވޯލްޑް ކަޕަށް ނުކުންނާނީ ރަނގަޅު ފޯމެއްގައި: ޑި ބްރޭނާ 

ބެލްޖިއަމްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑި ބްރޭނާ -- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 އަށް ކުރިމަތިލާނީ ރަނގަޅު ފިޓްނަސްއެއްގައި، ރަނގަޅު ފޯމެއްގައި ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބެލްޖިއަމް ގައުމީ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބުނެފިއެވެ.

މެންޗެސްޓާ ސިޓީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު މިހާރު ނަޕޯލީއަށް ކުޅެމުންދާ ޑި ބްރޭނާއަށް މި ސީޒަނުގައި ކުރިމަތިވި އަނިޔާގެ ސަބަބުން އޭނާއަށް 30 މެޗު ގެއްލުނު ނަމަވެސް، ބެލްޖިއަމްގައި ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން މަސައްކަތްތަކަށްފަހު އޭނާ ހުރީ އެނބުރި އައުމަށް ތައްޔާރަށެވެ.

ޑި ބްރޭނާ ބުނީ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުތަކަށްފަހު އޭނާގެ ފޯމު އެންމެ ރަނގަޅު ހާލަތަށް ގެނެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ހިމެނެނީ މިސްރާއި އީރާން އަދި ނިއު ޒިލޭންޑާއެކު ”ގްރޫޕު ޖީ“ ގައެވެ. ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 16 ގައި ނުކުންނާނީ މުހައްމަދު ސަލާހުގެ މިސްރާ ދެކޮޅަށެވެ.

މީގެ ކުރިން ބެލްޖިއަމްގެ ގޯލްޑަން ޖެނެރޭޝަނާއެކު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ހޯދި ކާމިޔާބީތަކުގައި ޑި ބްރޭނާގެ ހިއްސާ ފާހަގަކޮށްލެވެއެވެ. ނަމަވެސް މިހާރު އަލުން ބެލްޖިއަމަށް ވަނީ އެފަދަ ޖެނެރޭޝަނެއްގެ ބޭނުން ޖެހިފައެވެ.