ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް އޭ“ގައި ޗެކް ރިޕަބްލިކާއި ސައުތު އެފްރިކާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުން ދެ ޓީމު ވެސް ބަލިވެފައި އޮތުމުން، މި މެޗުން ޕޮއިންޓެއް ހޯދުން ދެ ޓީމަށް ވެސް ލާޒިމުވެފައި އޮތެވެ. މެޗު ފެށިގެން ހަވަނަ މިނެޓުގައި ޗެކް ރިޕަބްލިކުން ވަނީ ލީޑު ނަގައިފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކަލް ސަޑިލެކްއެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ އަވަސް ގޯލުތަކުގެ ތެރޭގައި ހިމެނޭ ގޯލެކެވެ.
މެޗުގެ ބޮޑު ބައެއް ޗެކް ރިޕަބްލިކުން ކޮންޓްރޯލް ކުރި ނަމަވެސް، ދެވަނަ ހާފުގައި އެޓޭކު ވަރުގަދަކޮށް މެޗުގެ 83 ވަނަ މިނެޓުގައި ސައުތު އެފްރިކާއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ތޭބޯހޯ މޮކޮއޭނާއެވެ. މިއީ ޗެކް ރިޕަބްލިކުގެ ޕަވެލް ސުލްކްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި ނަތީޖާއާއެކު ދެ ޓީމަށް ވެސް މިހާރު ލިބިފައިވަނީ އެއް ޕޮއިންޓެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން މޮޅުވެގެން ނޫނީ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް ހަނިކަމުން، ކުރިއަށް އޮތް މެޗުތަކަކީ ދެ ޓީމަށް ވެސް މުހިންމު މެޗުތަކަކަށް ވާނެއެވެ.


