ފިރުއައުނުގެ ކިބައިން މޫސާގެފާނާއި އެ ކަލޭގެފާނަށް ތަބާވީ މީހުން ސަލާމަތްކޮށްދެއްވައި, ފިރުއައުނާއި އޭނާގެ ބޮޑު ލަޝްކަރު އަރަގުކުރެއްވި ދުވަސް ކަމުގައިވާ މުހައްރަމު މަހުގެ ދިހަވަނަ ދުވަސް ނުވަތަ އާޝޫރާ ދުވަހުގެ ހާދިސާއިން އެނގެނީ މާތް اللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަންއުޅޭ މީހުންނަށް މާތްالله ގަދަފަދަ އަޒާބުދެއްވައި ނެތިކުރައްވާނޭކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
’އާޝޫރާ ދުވަސް‘ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މުހައްރަމު މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ އާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމާއި އިބުރަތްތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ. އަދި އެފަދަ ހާދިސާތަކުގައި ގިނަގުނަވެގެންވާ އިބުރަތްތަކާއި ފިލާވަޅުތައް ލައްވައިފައިވަނީ މާތް اللهއަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ރަސޫލުން ބޮޑެތި މުސީބާތްތަކުންނާއި އާފާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، މީސްތަކުންގެ އީމާންކަން ހަރުދަނާކުރެއްވުމަށްޓަކައި ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, ފިރުއައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުން ސަލާމަތްވީ ހާދިސާއިން އެނގެނީ، މުސީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމަށެވެ. އަދި މާތް اللهއަށް އިތުބާރުކޮށް އެކަލާނގެ ހަޒުރަތަށް ރުޖޫއަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަން އެނގޭ ކަމަށް ބުންޏެވެ.
މުހައްރަމު މަހަކީ މާތް الله ހުރުމަތްތެރިކުރައްވައިފައިވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މައްސަރެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, މޫސާގެފާނާއި އެ ކަލޭގެފާނަށް އީމާންވީ މީހުން ފިރުއައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވިކަމަށް ޓަކައި ޝުކުރުވެރިވުމުގެ ގޮތުން, ކީރިތި ރަސޫލާ, އާޝޫރާ ދުވަހު ރޯދަހިފުން ސުންނަތެއްކަމުގައި ލައްވާފައިވާ ކަމަށެވެ.
އާޝޫރާ ދުވަހު ރޯދަހިފުމުގެ ސަވާބު ބަޔާންކޮށްދެއްވައި ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”އަދި އާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް މާތް اللهގެ ހަޒުރަތުން ފުއްސަވައިދެއްވާނެ ކަމެއްކަމުގައި ވުމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.“
ހުތުބާގައި ބުނީ, އާޝޫރާ ދުވަހު ރޯދަ ހިފާ މީހާ އަމަލުކުރާންވީ ގޮތް، ކީރިތި ރަސޫލާގެ ސުއްނަތުން އެނގޭ ކަމަށެވެ. އެކަލޭގެފާނު ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”ތިޔަބައިމީހުން عَاشُوْرَاء ދުވަހު ރޯދަހިފާށެވެ! އަދި އެ ކަމުގައި ތިޔަބައިމީހުން ޔަހޫދީންނާ ހިލާފުވާށެވެ! އެ ދުވަހާ އެކު އޭގެ އެއް ދުވަސް ކުރީން (އެބަހީ: ނުވަވަނަ ދުވަހު) ނުވަތަ އެއް ދުވަސް ފަހުން (އެބަހީ: އެގާރަވަނަ ދުވަހު) ތިޔަބައިމީހުން ރޯދަހިފާށެވެ!”


