ވޯލްޑް
ކަޕް

އެމެރިކާގެ ދަތިތަކާއެކު ވާދަކުރާ އީރާނުން ވަރުގަދަ ބެލްޖިއަމް ވެސް ހިފަހައްޓައިފި 

ވޯލްޑް ކަޕް 2026 ގައި ބެލްޖިއަމާއި އީރާން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕް 2026 ގައި އީރާނުގެ ދެވަނަ މެޗުގައި ޔޫރަޕްގެ ވަރުގަދަ ބެލްޖިއަމް ވެސް ހިފަހައްޓައިފިއެވެ.

މި މެޗަށް ވެސް އީރާންގެ ކުޅުންތެރިން ދާން ޖެހުނީ މެކްސިކޯ އިން ކުރި ދަތުރަކަށްފަހުއެވެ. އެއީ އެމެރިކާ އާއި އީރާންގެ ހަނގުރާމައާ ގުޅިގެން އީރާނަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އަދި މެޗު ނިންމުމަށްފަހު ވެސް އީރާން ޓީމު އެނބުރި މެކްސިކޯއަށް ދާން ޖެހެއެވެ.

ލޮސް އެންޖެލިސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ދެ ޓީމަށްވެސް މުބާރާތުގެ ކުރިއަށްއޮތް ބުރަށް ދިއުމަށް މުހިންމު މެޗެކެވެ. މެޗު ފެށިގެން އީރާނުން ވަރަށް ބޮޑަށް ޑިފެންސިވް ކުޅުމެއް ދެއްކި އިރު، ބެލްޖިއަމްގެ ފަރާތުން ފެނިގެންދިޔައީ ހަމަލާތައް އުފެއްދުމަށް ކުރި މަސައްކަތްތަކެވެ.

މެޗުގެ ކުރީކޮޅު އީރާނުން ގޯލެއް ޖެހި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އެ ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައި ބާތިލުކޮށްފައެވެ. ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ އާއި ރޮމެލޫ ލުކާކޫ ފަދަ ތަރިން ހިމެނޭ އެޓޭކިން ލައިނުން އީރާންގެ ޑިފެންސް ފޫއަޅުވާލަން މަސައްކަތް ކުރި ނަމަވެސް، އީރާންގެ ކީޕަރުގެ ފަރާތުން މޮޅު ހިފެހެއްޓުންތަކެއް ފެނިގެންދިޔައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ބެލްޖިއަމްގެ ނޭތަން އެންގޯއީއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު ބެލްޖިއަމް މެޗުގެ ބޮޑު ބައެއް ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ.

މެޗުގެ ފަހު ވަގުތުތަކުގައިވެސް ދެ ޓީމުން ގޯލު ޖެހުމަށް ފުރުސަތުތަކެއް ހޯދިއެވެ. ނަމަވެސް މެޗު ނިމުނީ 0-0 އިން އެއްވަރުވެ، ދެ ޓީމަށްވެސް ޕޮއިންޓެއް ލިބިގެންނެވެ.

މި ނަތީޖާއާއެކު ”ގްރޫޕް ޖީ“ގެ ފޯރި އިތުރަށް ގަދަވެފައިވާ އިރު، ކުރިއަށް އޮތް މެޗުތަކަކީ ދެ ޓީމަށްވެސް ވަރަށް ނާޒުކު މެޗުތަކަކަށް ވާނެއެވެ.