އެމެރިކާގެ މިއާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި، އުރުގުއާއީ އާއި ކޭޕް ވާޑް 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
މި މެޗަކީ ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް އެޗް“ ގައި ދެ ޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ކޭޕް ވާޑުން މި މެޗަށް ނުކުތީ ފުރަތަމަ މެޗުގައި 0-0 ގެ ނަތީޖާއަކުން ޔޫރަޕް ޗެމްޕިއަން ސްޕެއިން ހިފަހައްޓައި ސިހުމެއް ގެނައުމަށްފަހުއެވެ.
ދެ ޓީމުންވެސް މޮޅަކަށް އަމާޒު ހިފައިގެން ނުކުތް މި މެޗުގައި އުރުގުއާއީ އެޓޭކުގައި ވަރުގަދަކޮށް ފެނިގެންދިޔަ އިރު، ކޭޕް ވާޑުން މަސައްކަތްކުރީ ކައުންޓާ އެޓޭކުތަކަށެވެ.
މެޗުގެ ކުރީކޮޅު ކޭޕް ވާޑުން ވަނީ ރަނގަޅު ކުޅުމަކާއެކު ލީޑު ނަގައިފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ކޭޕް ވާޑްގެ ކެވިން ޕީނާ ޖަހައިދިން ގޯލާއެކު އެ ޓީމުން ހިތްވަރުގަދަ ފެށުމެއް ހޯދިއެވެ. ނަމަވެސް އުރުގުއާއީން ވަނީ ހިތްވަރު އެލުވާނުލައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން މެކްސީ އަރާއުހޯ އަދި އަގަސްޓިން ކަނޮބިއޯގެ ގޯލުތަކުން ނަތީޖާ އަނބުރާލައިފައެވެ.
ދެވަނަ ހާފުގައި ކޭޕް ވާޑުން ލިބޭ ފުރުސަތުތަކުގައި ނުރައްކާކޮށް، އުރުގުއާއީގެ ޑިފެންސަށް ބާރު ބޮޑުކުރިއެވެ. މެޗުގެ ފަހުކޮޅު ކޭޕް ވާޑަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި، އެ ޓީމުން ވަނީ ނަތީޖާ 2-2 އަށް ހަމަހަމަކޮށްފައެވެ. އެއީ އުރުގުއާއީ ޑިފެންޑަރު މެތިއަސް އޮލިވޭރާއަށް ހެދުނު ގޯހަކުން، ކޭޕް ވާޑްގެ ބަދަލު ކުޅުންތެރިޔާ ހެލިއޯ ވަރޭލާ ކާމިޔާބުކުރި ގޯލެކެވެ.
މި ނަތީޖާއާއެކު ގްރޫޕް އެޗްގެ ފޯރި އިތުރަށް ގަދަވެފައިވާ އިރު، ފަހު މެޗުތައް ހުރިހާ ޓީީމަކަށް ވެސް މުހިންމުވާނެއެވެ. ކޮންމެ ޓީމަކަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އޮތް އިރު، ގްރޫޕުގެ އެއްވަނައިގައި ސްޕެއިން އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. އުރުގުއާއީ އާއި ކޭޕް ވާޑްއަށް، ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ސައުދީއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެވެ. ގްރޫޕުގެ ފަހު މެޗުގައި އުރުގުއާއީ އިން ސްޕެއިނާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ކޭޕް ވާޑް ނުކުންނާނީ ސައުދީއާ ދެކޮޅަށެވެ.


