ފީފާ ވޯލްޑް ކަޕް 2026 ގައި ”ގްރޫޕް ކޭ“ ގައި ޕޯޗުގަލާއި އުޒްބެކިސްތާން ބައްދަލުކުރި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕޯޗުގަލް ކާމިޔާބުކޮށްފިއެވެ.
އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައި، ވޯލްޑް ކަޕްގެ ތާރީހުގައި ޖެހިޖެހިގެން ހަ މުބާރާތުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދައިފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޑީއާރް ކޮންގޯއާ 1-1 އިން އެއްވަރުވުމުން ޕޯޗުގަލް އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ. ނަމަވެސް އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މި މެޗުގައި ޕޯޗުގަލް ވަނީ ފުރަތަމަ ހާފުން ފެށިގެންވެސް މެޗު ކޮންޓްރޯލްކޮށްފައެވެ.
މެޗުގެ ހަވަނަ މިނެޓުގައި ޖޮއާއޯ ކަންސޭލޯގެ ހުރަހަކުން ރޮނާލްޑޯ ވަނީ ފުރަތަމަ ގޯލު ޖަހައިދީފައެވެ. އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ނޫނޯ މެންޑޭޒް ހިލޭ ޖެހުމަކުން ގޯލެއް ޖެހި އިރު، ރޮނާލްޑޯގެ ދެވަނަ ގޯލު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށެވެ.
ދެވަނަ ހާފުގައި ރޮނާލްޑޯއަށް ހެޓްރިކް ފުރިހަމަކުރުމަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ނަސީބު އޭނާއަށް ލިބިފައެއް ނުވެއެވެ. ޕޯޗުގަލްގެ ހަތަރުވަނަ ގޯލަކީ އުޒްބެކިސްތާންގެ ކީޕަރު އުބްދުހޮވިދް ނެމަޓޯވް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި މެޗު ނިމެނިކޮށް ޕޯޗުގަލްގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ ރަފައެލް ލެއާއޯ އެވެ.
މި މެޗުގައި ރޮނާލްޑޯ ޖެހި ދެ ގޯލާއެކު، އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ޖެހިޖެހިގެން ހަ މުބާރާތުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ މަގާމު ކަށަވަރުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ޔޫސޭބިއޯ ފަހަނައަޅައި ގޮސް، ޕޯޗުގަލްގެ ތާރީހުގައި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވެސް ވެފައެވެ.
މި މޮޅާއެކު ޕޯޗުގަލް ވަނީ ގްރޫޕް ސްޓޭޖުގެ ކުޅުން ރަނގަޅުކޮށް، ނޮކްއައުޓް ބުރަށް ދިއުމުގެ އުއްމީދު އާކޮށްފައެވެ. އަނެއްކޮޅުން، މުބާރާތުގައި އަލަށް ވާދަކުރާ އުޒްބެކިސްތާނަށް މި ނަތީޖާއަކީ ބޮޑު ނާކާމިޔާބީއެކެވެ.


