ވޯލްޑް
ކަޕް

ނޭމާ ސްކޮޓްލެންޑް މެޗަށް ފިޓް، އެކަމަކު ކުޅޭނެކަން ޔަގީނެއް ނޫން

ބްރެޒިލް ތަރި ނޭމާ -- ފޮޓޯ: ރޮއިޓާސް

ވޯލްޑް ކަޕް ”ގްރޫޕް ސީ“ގައި ބްރެޒިލުން ކުޅޭ ފަހު މެޗަށް އެޓީމުގެ ތަރި ނޭމާ ފިޓްވެފައިވީ ނަމަވެސް، އެ މެޗުގައި ނޭމާ ކުޅޭނެކަމެއް ނުވަތަ ނޫންކަމެއް ހާމަކުރަން ކޯޗު ކާލޯ އެންޗެލޯޓީ ދެކޮޅު ހަދައިފިއެވެ.

އުމުރުން 34 އަހަރުގެ ނޭމާ ގައުމީ ޓީމާ ދުރުގައި ގާތްގަނޑަކަށް ތިން އަހަރު ހޭދަކުރުމަށްފަހު ވޯލްޑް ކަޕަށް އެންޗެލޯޓީ އޭނާ ސްކޮޑަށް ނެގި ނަމަވެސް ފައިގެ ކާފް މަސްގެ އަނިޔާއެއްގެ ސަބަބުން މުބާރާތުގައި އަދި ނޭމާއަށް ކުޅެވިފައެއް ނުވެއެވެ.

”ނޭމާ ބޭނުންކުރެވެން އެބަހުރި. މި ހަފުތާގައި އޭނާ ފަރިތަކުރި އަދި މެޗަށް ތައްޔާރުވެފައި ހުރެދާނެ. އޭނާ އެނބުރި އައުމުން އަހަރެމެން ވަރަށް އުފާވޭ، ސަބަބަކީ އޭނާގެ ފެންވަރުން ޓީމަށް އެހީ ވެވޭނެ،“ ސްކޮޓްލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އެންޗެލޯޓީ ބުންޏެވެ.

އެންޗެލޯޓީ ބުނީ ނޭމާ ނުކުޅުނު ކަމުގައިވިޔަސް، އޭނާގެ ތަޖުރިބާއިން ޒުވާން ކުޅުންތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި ނޭމާ ހުރީ މެޗުގެ ފުރިހަމަ ވަގުތު ވެސް ކުޅެވޭ ވަރަށް ފިޓުކޮށް ކަމަށެވެ.

މީގެ އިތުރުން، ހެއިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ވިންގާ ރަފީނިއާގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސްކޮޓްލެންޑް މެޗުގައި އޭނާ ނުފެންނާނެއެވެ. ނަމަވެސް އޭނާގެ ބަދަލުގައި މެޗުގައި ބޭނުންކުރާނެ ކުޅުންތެރިއެއްގެ ނަމެއް އެންޗެލޯޓީ ހާމަކޮށްފައެއް ނުވެއެވެ.

ސްކޮޓްލެންޑް މެޗާ ގުޅޭގޮތުން އެންޗެލޯޓީ ބުނީ ”ސްކޮޓްލެންޑްގައި ފެންވަރު އެބަހުރި. އެއީ ހަނގުރާމަ ކުރާ ބައެއް ވަރަށް ރަނގަޅަށް ރޭވިފައިވާ ޓީމެއް“ ކަމަށެވެ. އަދި މެކްޓޮމިނޭ އާއި މެކްގިން ފަދަ ތަޖުރިބާކާރު ކުޅުންތެރިން ތިބިކަން ފާހަގަކޮށް ވޯލްޑް ކަޕުގައި ފަސޭހަ މެޗުތައް މާކުރިން ނިމިފައިވާ ކަމަށް ބުންޏެވެ.

”ގްރޫޕް ސީ“ ގައި ބްރެޒިލްގެ ފުރަތަމަ މެޗުގައި މޮރޮކޯއާ 1-1 އިން އެއްވަރުވެފައިވާ އިރު، ހެއިޓީ 3-0 އިން ބަލިކޮށްފައިވެއެވެ. ގްރޫޕުގެ އެއްވަނައިގައި ނިންމާލުމަށް ބްރެޒިލަށް ސްކޮޓްލެންޑް މެޗު މުހިންމުވާނެއެވެ.

ބްރެޒިލުން ސްކޮޓްލެންޑާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 3:00 ގައެވެ.