ވޯލްޑް ކަޕް 2026 އިން އޮސްޓްރޭލިއާ އިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރި އިރު، ޕެރަގުއާއީ އިން ވެސް އުންމީދު ހޯދައިފިއެވެ.
”ގްރޫޕު ޑީ“ އިން ފައިނަލް މެޗެއްގެ ގޮތުގައި ފާހަގަކޮށްލެވުނު އޮސްޓްރޭލިއާ އާއި ޕެރަގުއާއީގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އަދި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި ތުރުކީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ.
ގްރޫޕް ޑީގެ ފަހު މެޗުތަކުގެ ނަތީޖާ
އެމެރިކާ 2-3 ތުރުކީ: މެޗު ފެށިތާ ތިން މިނެޓުގެ ތެރޭގައި އޮސްޓަން ޓްރަސްޓީގެ ގޯލާއެކު އެމެރިކާއަށް ލީޑު ލިބުނު ނަމަވެސް، މާ ގިނައިރުތަކެއް ނުވެ އާދާ ގުލާ ވަނީ ތުރުކީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމެނިކޮށް ބަންސް އަލްޕާ ޔިލްމާސްގެ ގޯލާއެކު ތުރުކީއަށް ލީޑު ލިބިގެންދިޔައެވެ. ފުރަތަމަ ހާފު ފެށިތާ ހަތަރު މިނެޓުގެ ތެރޭގައި ސަބެސްޓިއަން ބާހޯލްޓާ، އެމެރިކާއަށް ނަތީޖާ ހަމަހަމަކޮށްދިން އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކާން އައިހާން ވަނީ ތުރުކީއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.
ޕެރަގުއޭ 0-0 އޮސްޓްރޭލިއާ: މި މެޗަށް ނުކުތް އިރު، އޮސްޓްރޭލިއާއަށް އެއްވަރުކޮށްލައިގެން ވެސް ގޯލުގެ ތަފާތުން ދެވަނަ ބުރުގެ ޖާގަ ޔަގީންކުރެވެން އޮތެވެ. ނަމަވެސް މެޗުގައި ޑިފެންސް ކުރުމުގެ ބަދަލުގައި އޮސްޓްރޭލިއާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ޕެރަގުއާއީ އިން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ.
”ގްރޫޕު ޑީ“ ގެ އެއްވަނައިގެ ގޮތުގައި އެމެރިކާ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ އިރު، ގްރޫޕުގެ ދެވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ އޮސްޓްރޭލިއާ އެވެ. ޕެރަގުއާއީއަށް ވެސް ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ފަހު މެޗާ ހިސާބަށް ދިޔަ އިރު، ތުރުކީ އަކީ މުބާރާތުން ކަޓާފައިވާ ޓީމެކެވެ.


