ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި މިއަދު ޖަރުމަނާ ދެކޮޅަށް ނުކުންނަ އިރު، ކޮލިފައިންގައި ބްރެޒިލް އަދި އާޖެންޓީނާ ބަލިކުރި ތަޖުރިބާއިން ހިތްވަރު ލިބޭ ކަމަށް ޕެރަގުއާއީގެ ކޯޗު ގުސްތާވޯ އަލްފާރޯ ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު އަލްފާރޯ ބުނީ މީގެ ކުރިން ޕެރަގުއާއީ އިން ވާނީ ބްރެޒިލް އަދި އާޖެންޓީނާއާ ވެސް ކުރިމަތިލާފައި ކަމަށާއި އެ ޓީމުތަކަކީ ޖަރުމަނާ އެއް ފެންވަރެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ޓީމުތައް ކަމަށެވެ.
”އެ ހުރިހާ ޓީމެއްވެސް އެއީ ވޯލްޑް ޗެމްޕިއަންކަމުގެ ކެންޑިޑޭޓުން. އަހަރެމެން އެ ޓީމުތަކާ ކުރިމަތިލާން ދަތިވި، އެކަމަކު ކާމިޔާބު ހޯދީ،“ އޭނާ ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ޕެރަގުއާއީ ފެށީ ވަރަށް ދަށް ނަތީޖާއަކުންނެވެ. އެމެރިކާ އަތުން 4-1 އިން ބަލިވި ނަމަވެސް، 10 ކުޅުންތެރިންނާއެކު ތުރުކީ 1-0 އިން ބަލިކޮށް އޮސްޓްރޭލިޔާއާ 0-0 އިން އެއްވަރުކޮށް ނޮކްއައުޓް ބުރަށް ދަތުރުކުރިއެވެ. ތުރުކީ މެޗުގައި އިދިކޮޅު ޓީމުން 33 ހަމަލާ ފޮނުވާލި ނަމަވެސް ޕެރަގުއާއީ ކާމިޔާބު ހޯދީއެވެ.
ޖަރުމަނު މެޗަށް ނުކުންނަ އިރު، މިޑްފީލްޑަރު ޑިއޭގޯ ގޮމޭޒް ސަސްޕެންޝަނުގައި ހުރުމުން ނުކުޅެވޭނެއެވެ. ސެންޓާ ބެކް އޮމަރް އަލްޑެރެޓެ އަށް އަނިޔާގެ މައްސަލައެއް ދިމާވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ތުރުކީ މެޗުގައި ރަތް ކާޑު ލިބިގެން އެއް މެޗުގެ ސަސްޕެންޝަނެއް ފުރިހަމަކުރި މިގެލް އަލްމީރޮން އެނބުރި އަންނާނެއެވެ.
ޕެރަގުއާއީގެ ކެޕްޓަން ގުސްތާވޯ ގޮމޭޒް ވެސް ދެކުނު އެމެރިކާގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުނު ތަޖުރިބާގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. ”ކޮލިފައިންގައި ބްރެޒިލް، އުރުގުއާއީ، އާޖެންޓީނާ އެކުއެޑޯ ކޮލަމްބިއާ ފަދަ ވަރުގަދަ ޓީމުތަކާ ކުރިމަތިލައި ޕްރެޝަރު ހާލަތްތައް ގިރާކޮށްފައި މިތިބީ،“ ގޮމޭޒް ބުންޏެވެ.
2010 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި ޕެރަގުއާއީ އެ ފަހަރު ކުއާޓާ ފައިނަލްގައި ބަލިވީ ޗެމްޕިއަންކަން ހޯދި ސްޕެއިން އަތުންނެވެ.
ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި ޖަރުމަނާއި ޕެރަގުއާއީ ބައްދަލުކުރާނީ ރާއްޖޭގަޑިން މިރޭ 1:30 ގައެވެ.


