ވޯލްޑް
ކަޕް

އެމްބާޕޭގެ ދެ ގޯލާއެކު ފްރާންސް ހުއްޓުމެއްނެތި ގަދަ 16 އަށް

ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭގެ ގޯލާއެކު ކޯޗު ޑިޝޯމްޕްސްއާއެކު އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި ވަރުގަދަ އެޓޭކާއެކު ސްވިޑެން ބަލިކޮށް، ފްރާންސުން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.

އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ ބުރުގެ މެޗުގައި ފްރާންސުން ސްވިޑެން އަތުން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފްރާންސުން ވަރުގަދަ އެޓޭކާއެކު ފުލުފުލުގައި ސްވިޑެންގެ ގޯލަށް ނުރައްކާކުރަމުންދިޔައެވެ. އެގޮތުން ކެޕްޓަން ކިލިއަން އެމްބާޕޭ އާއި މައިކަލް އޮލީސޭގެ ހަމަލާއެއް ސްވިޑެންގެ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، ސްވިޑެން ކީޕަރު ޖެކޮބް ވިޑެލް ޒެޓާސްޓްރޮމް ވެސް ގިނަ ހަމަލާތަކެއް ދިފާއުކުރިއެވެ.

ހަމަލާތައް ނާކާމިޔާބުވުމަށްފަހު ފްރާންސަށް ލީޑު ލިބުނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. އުސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން އެމްބާޕޭ އެވެ.

ދެވަނަ ހާފު ފެށިތާ އަށް މިނެޓުގެ ތެރޭގައި ފްރާންސަށް ލީޑު ފުޅާކޮށްދިނީ ބްރޭޑްލީ ބާކޯލާ އެވެ. ބާކޯލާގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އޭނާ ގޯލު ޖެހީ އޮލީސޭ ދިން ބޯޅަ، ސްވިޑެންގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އެ ގޯލަށްފަހު ވެސް ނުރައްކާކޮށް ފެނިގެންދިޔަ ފްރާންސުން އެ ޓީމުގެ ތިންވަނަ ގޯލު ޖެހީ މެޗުގެ 74 ވަނަ މިނެޓުގައެވެ. އޮލީސޭ ދިން ރީތި ބޯޅައަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން އެމްބާޕޭއެވެ. އެ ގޯލާއެކު އޭނާ ވަނީ މި ވޯލްޑް ކަޕްގައި ހަ ގޯލު ކާމިޔާބުކޮށްފައެވެ. އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ވެސް ވަނީ މި ވޯލްޑް ކަޕްގައި އެ އަދަދަށް ގޯލު ޖަހައިފައެވެ.