ވޯލްޑް
ކަޕް

މޫސުން ގޯސްވެ މެކްސިކޯ-އެކުއެޑޯ މެޗު ފަސްކޮށްފި

މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާއަށް ވާރޭވެހެނީ -- ފޮޓޯ: ރޮއިޓާސް

މޫސުން ގޯސްވުމުގެ ސަބަބުން ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި މެކްސިކޯއާއި އެކުއެޑޯ ބައްދަލުކުރާ މެޗު ފަސްކޮށްފިއެވެ.

އެސްޓާޑިއޯ އަޒްޓެކާ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވުމާ ގުޅިގެން މެޗު ފެށުމަށް ތާވަލުކޮށްފައި އޮތް ގަޑިން މަދުވެގެން 30 މިނެޓަށް ވަނީ ފަސްކޮށްފައެވެ. ކުރިން މެޗު ފެށުމަށް ހަމަޖެހިފައި އޮތީ ރާއްޖޭގަޑިން މިއަދު ހެނދުނު 6:00 ގައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މެޗު ފަސްކޮށްފައިވާކަން އިއުލާންކޮށްފައިވަނީ، މެޗަށް ކުޅުންތެރިން ދަނޑަށް ނުކުމެ ވޯމްއަޕް ވެސް ނުފަށަނީހެވެ.

ވޯލްޑް ކަޕްގެ ރައްކާތެރިކަމުގެ ޕްރޮޓޮކޯލްތައް ބުނާގޮތުން، ދަނޑުގެ އަށް މޭލު (13 ކިލޯމީޓަރު) ކައިރިއަށް ވިދުވަރެއް ޖަހައިފިނަމަ، ވަގުތުން މެޗު މެދުކަނޑާލައި، ކުޅުންތެރިންނާއި ސަޕޯޓަރުން ރައްކާތެރި ހިޔާވަހިކަމަކަށް ބަދަލުވާން ޖެހެއެވެ. މިފަދަ ހާލަތެއްގައި ކުޅުން އަލުން ފެށޭނީ ވިދުވަރު ޖެހުން ހުއްޓޭތާ 30 މިނެޓު ފާއިތުވުމުންނެވެ.

އެ ޕްރޮޓޮކޯލްއާ ގުޅިގެން މީގެ ކުރިން ވޯލްޑް ކަޕްގެ ”ގްރޫޕް އައި“ ގައި ފްރާންސާއި އިރާގު ބައްދަލުކުރި މެޗު ފުރަތަމަ ހާފަށްފަހު ވަނީ މެދުކަނޑާލައިފައެވެ. އެ މެޗުގެ ދެވަނަ ހާފު ފެށީ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ.