ވޯލްޑް
ކަޕް

40 އަހަރަށްފަހު ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗަކުން ހޯދި މޮޅާއެކު މެކްސިކޯއަށް ހިނިތުންވުން 

މެކްސިކޯގެ ރައުލް ހިމެނޭޒް ގޯލަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގައި 40 އަހަރަށްފަހު ފުރަތަމަ މޮޅު ހޯދައި، މެކްސިކޯއިން ސަޕޯޓަރުންނަށް ހިނުތުންވުން ގެނެސްދީފިއެވެ.

އަމިއްލަ ގައުމީ މިއަދު ކުޅުނު ގަދަ 32 ގެ މެޗުގައި އެކުއެޑޯ އަތުން މެކްސިކޯ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުން ނޮކްއައުޓް ބުރެއްގެ މެޗަކުން މެކްސިކޯ މޮޅުވެފައިވަނީ ވެސް އަމިއްލަ ގައުމުގައި 1986 ގައި ބޭއްވި ވޯލްޑް ކަޕްގައެވެ. އެ ފަހަރު ކެޓީ ކުއާޓާ ފައިނަލުންނެވެ.

މެޗުގެ ކުރީކޮޅުގައި މެކްސިކޯގެ ވަރުގަދަ އެޓޭކިން ކުޅުމެއް ފެނިގެންދިޔަ އިރު، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރިއެވެ. ނަމަވެސް އެއިން އެއްވެސް ހަމަލާއެއް އެކުއެޑޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މެކްސިކޯ އިން ވަނީ ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި މެކްސިކޯއަށް ހޫލިއަން ކިނިއޮނޭސް ލީޑު ހޯދައިދިން އިރު، މެޗުގެ 31 ވަނަ މިނެޓުގައި މެކްސިކޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ހާއްސަކޮށް ގޯލަކަށް މަސައްކަތްކުރަމުންދިޔަ އެކުއެޑޯގެ އެއްވެސް ހަމަލާއެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މެކްސިކޯ އިން ކޯނަރުތަކުގައި ފެނުނީ ނުރައްކާ ޓީމެއްގެ ގޮތުގައެވެ. އެގޮތުން މެކްސިކޯގެ ކެޕްޓަން ސެސާ މޮންޓޭސްއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އޭނާގެ އެއް ހަމަލާ އެކުއެޑޯގެ ކީޕަރު ހެރްނާން ގަލިންޑޭޒް މަތަކުރި އިރު، އަނެއް ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފަހުކޮޅުގައި މެޗު ހޫނުވެގެން ދިޔަ އިރު، އެކުއެޑޯގެ ހިއެރޯ ހިންކަޕިއޭއަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ މެކްސިކޯގެ އަނގަމަތީގައި އަތް އަޅައިގެން މެކްސިކޯ ކުޅުންތެރިޔަކާ މުއާމަލާތްކުރުމުންނެވެ.