ވޯލްޑް
ކަޕް

މިސްރުގެ ”ކިންގް“ ސަލާހް އަނިޔާއަށްފަހު ތަމްރީންތަކަށް 

މިސްރުގެ ކެޕްޓަން ސަލާހް ތަމްރީނުތަކުގައި --

މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހް ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަށްފަހު އެނބުރި ޓީމުގެ ތަމްރީނުތައް ފަށައިފިއެވެ.

އީރާނާ ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއަކުން އެއްވަރުވި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަނިޔާވެ، ސަލާހް ބަދަލުކުރުމާ ގުޅިގެން ނޮކްއައުޓް މެޗުގައި އޭނާއަށް ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދުނެވެ.

މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖުގައި ޝާއިއުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އޮސްޓްރޭލިއާ މެޗަށް ތައްޔާރުވުމަށް މިސްރު ޓީމާއެކު ސަލާހް ހިނިތުންވެ ހުރެ ތަމްރީނު ދަނޑުގައި ހަރަކާތްތެރިވާ ތަން ފެނެއެވެ. އެ ފޮޓޯތަކާއެކު ”ދަ ކިންގް އިޒް ބެކް“ މި ސުރުހީ ޖަހައިފައިވެއެވެ.

އުމުރުން 34 އަހަރުގެ ސަލާހް ވެގެން ގޮސްފައިވަނީ މިސްރުގެ ވޯލްޑް ކަޕް ކެމްޕެއިންގައި އެންމެ މުހިންމު ކުޅުންތެރިޔާ ކަމުގައެވެ. އޭނާ ވަނީ އެއް ގޯލު ޖަހައި ދެ އެސިސްޓް ހަދައިފައެވެ.

މިސްރު ޓީމު ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ. ފަސް ޕޮއިންޓް ހޯދައިގެން މިސްރުން ވަނީ ގްރޫޕުގެ ދެވަނައިގައި ނިންމާލައިފައެވެ. ގަދަ 32 ގެ ބުރުގައި މިސްރުން އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން އަންނަ ހުކުރު ދުވަހުގެ ރޭ 11:00 ގައެވެ.