ވޯލްޑް ކަޕް 2026 ގައި ކޮންގޯ އަތުން ސިހުމަކަށް ދަނިކޮށް، ކެޕްޓަން ހެރީ ކޭން އިންގްލެންޑް ސަލާމަތްކޮށްދީފިއެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މިއަދު ކުޅުނު ގަދަ 32 ގެ ބުރުގެ މެޗުގައި އިންގެލެންޑުން ކޮންގޯ އަތުން މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
އިންގްލެންޑުން ރަނގަޅަށް ކުޅެމުންދަނިކޮށް، ޕްރެޝަރެެއް ވެއްޓިގެންދިޔައީ މެޗުގެ މިނެޓުގައި ކޮންގޯ އިން ގޯލެއް ޖަހައި ލީޑު ހޯދުމުންނެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ކޮންގޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބްރަޔަން ސިޕެންގާ އެވެ.
އިންގްލެންޑުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮންގޯގެ ގޯލަށް ގިނަ ނުރައްކާތަކެއް ފޮނުވާލިއެވެ. ހާއްސަކޮށް މާކަސް ރަޝްފޯޑް، ޖޫޑް ބެލިންހަމް އަދި ހެރީ ކޭންއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ރަޝްފާޑްގެ ހަމަލާ އާރޮން ވެން ބިސާކާ ގޯލު ލައިންމަތިން ދިފާއުކުރި އިރު، ބެލިންހަމާއި ކޭން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މޮޅު ސޭވްތަކެއް ކުރި ކޮންގޯގެ ކީޕަރު ލިއޮނެލް އެމްޕާސީއެވެ.
ކޮންގޯއަށް ވެސް ދެ ގޯލުގެ ލީޑެއް ހޯދުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޔޮއާން ވިސާ ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލެންޑްގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ކޮންގޯ ކުރީގައި އޮވެގެންނެވެ.
ވަރުގަދަ އެޓޭކުތަކަކަށްފަހު އިންގްލެންޑަށް ނަތީޖާ ހަމަހަމަކުރެވުނީ ބަދަލުތަކަކާއެކު މެޗުގެ 75 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އެންތަނީ ގޯޑަންގެ ހުރަހަކުން ކެޕްޓަން ހެރީ ކޭން ބޮލުން ފޮނުވާލި ހަމަލާއަކުން ޖެހި ގޯލެކެވެ.
މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ކޭން ވަނީ އިތުރު ގޯލެއް ޖަހައި އިންގްލެންޑަށް ލީޑު ހޯދައިދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ގޯޑަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.


