ދޮޅު އަހަރު ފަސް؛ އަގުބޮޑު ކުރި ސިނގިރޭޓު ދެގުނަ ހެޔޮކޮށްފި

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލަށް ބަދަލެއް ނުގެނެސް ސަރުކާރުން ފޮނުވި ގޮތަށް މަޖިލީހުން ފާސްކުރީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް)ގެ އިމްޕޯޓް ޑިއުޓީއަށް އެންމެ ފަހުން ބަދަލު ގެނައީ މި ސަރުކާރުން ނޮވެމްބަރު، 2024 ގައެވެ.

އެ ފަހަރު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 3.30 ރުފިޔާ އިން 8 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގަން އޭރު ނިންމީ 50 ޕަސެންޓެވެ.

ނަމަވެސް ރައީސް މިއަދު ތަސްދީގު ކުރެއްވި ބިލާއެކު ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް)ގެ އިމްޕޯޓް ޑިއުޓީ ވަނީ ދެގުނަ ހެޔޮކޮށް 4 ރުފިޔާއަށް ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދު 30 ޕަސެންޓަށް ތިރިކޮށްފަ އެވެ

މި ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ. އަދި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، އާންމުކުރަން ޖެހޭނެ އެވެ.