ވޯލްޑް
ކަޕް

ސްޕެއިނުން ނުރައްކާ ކުޅުމާއެކު ފެންވަރު ދައްކާލައިފި، ގަދަ 16 އަށް

ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ މެޗުގައި އޮސްޓްރިއާ ބަލިކޮށް، ސްޕެއިނުން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.

އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި އޮސްޓްރިއާ އަތުން ސްޕެއިން މޮޅުވީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ސްޕެއިނުން ވަރަށް ބޮޑަށް ކުރިއަށްޖެހި ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ އިރު، އޮސްޓްރިއާ އިން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސަށް އިސްކަން ދީގެންނެވެ. ނަމަވެސް ސްޕެއިނުން ދިޔައީ އޮސްޓްރިއާގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުންނެވެ.

ސްޕެއިން ގޯލުގެ ކުރިން އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ މެޗުގެ 32 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މިކެލް އޮޔާޒަބަލް ފޮނުވާލި ހަމަލާ، އޮސްޓްރިއާ ކީޕަރު އެލްކްޒެންޑާ ޝްލާގާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ސްޕެއިނަށް ލީޑު ހޯދައިދިނީ މިކެލް އޮޔާޒަބަލްއެވެ. އޭނާ އެ ގޯލު ޖެހީ މާކް ކުކުރެޔާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އޮސްޓްރިއާގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ ފުރަތަަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

ހަމަލާތަކަކަށްފަހު ސްޕެއިނުން އެޓީމުގެ ދެވަނަ ގޯލު ޖެހީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފުލްބެކް ޕެޑްރޯ ޕޮރޯ އެވެ. އޭނާ އެ ގޯލު ޖެހީ އެލެކްސް ބައޭނާ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، އޮޔާޒަބަލް ވަނީ އޭނާގެ ދެވަނަ ގޯލާއެކު ސްޕެއިނަށް ތިން ގޯލުގެ ލީޑެއް ހޯދައިދީފައެވެ. އޭނާ އެ ގޯލު ޖެހީ ކުކުރެޔާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އޮސްޓްރިއާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.