ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި އެމެރިކާ ބަލިކޮށް ބެލްޖިއަމުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
އަމިއްލަ ގައުމުގައި ކުޅުނު މި މެޗުން ބެލްޖިއަމް އަތުން އެމެރިކާ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. ބޮސްނިއާއާ ދެކޮޅަށް ކުޅުނު ގަދަ 32 ގެ މެޗުގައި އެމެރިކާގެ މުހިންމު ފޯވަޑް ފޮލާރިން ބަލޮގަންއަށް ދެކި ރަތް ކާޑުގެ އަދަބު ލުއިކޮށް ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ކުޅެވޭ ގޮތަށް ނިންމުމުން މިއަދުގެ މެޗުގެ ފުރަތަމަ 11 ގައި އޭނާ ވަނީ ހިމަނައިފައެވެ. އެ އަދަބު ލުއިކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މަޝްވަރާއަކަށްފަހު، ނުފޫޒުން ކަމަށްބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔުންތައް ވެސް އަމާޒުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވަރުގަދަ އެޓޭކެއް ފެނިގެންދިޔައީ ބެލްޖިއަމްގެ ފަރާތުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި ބެލްޖިއަމުން ވަަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ނިކޮލަސް ރަސްކިން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އެމެރިކާގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޗާލްސް ޑި ކެޓެލާރާ އެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން އެމެރިކާއިން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ހިލޭ ޖެހުމުން އެމެރިކާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މަލިކް ޓިލްމަންއެވެ. ބެލްޖިއަމްގެ ގޯލުގެ ތެރެއަށް އެ ބޯޅަ ވަދެފައިވަނީ ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހިފައެވެ.
އޭގެ ދެ މިނެޓު ފަހުން ބެލްޖިއަމުން ވަނީ ގޯލު ޖަހައި އަލުން ލީޑު ހޯދައިފައެވެ. ލިއާންޑްރޯ ޓްރޮސާޑް ނަގައިދިން ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ޑި ކެޓެލާރާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.
މެޗުގައި އެމެރިކާއިން މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، އެޓީމުގެ ކީޕަރު މެޓް ފްރީސްއަށް ހެދުނު ގޯހަކުން ބެލްޖިއަމުން ވަނީ ލީޑު ފުޅާކޮށްފައެވެ. ކީޕަރު ފްރީސް އަތުން ގެއްލުނު ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން ހުސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހާންސް ވަނަކަން އެވެ.
އެމެރިކާއިން ކުރިއަށް ޖެހި ފުރުސަތުުތައް ތަނަވަސްކުރަމުންދިޔަ ނަމަވެސް، މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ބެލްޖިއަމުން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ރޮމެލޫ ލުކާކޫ އެވެ.
ކުއާޓާ ފައިނަލުގައި ބެލްޖިއަމުން ނުކުންނަން ޖެހޭނީ ސްޕެއިނާ ދެކޮޅަށެވެ.


