ވޯލްޑް ކަޕް ގެ ގަދަ 16 ގައި އާޖެންޓީނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން މިސްރުގެ ކޯޗު ހުސާމް ހަސަން ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ވާހަކަދައްކައި، ވަރުގަދަ އިލްތިމާސެއް ކޮށްފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސާމް ހަސަން ބުނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހެއް ވިޔަސް ފަލަސްތީނުގެ ރައްޔިތުންނާ މެދު ހަމްދަރުދީ ނުވާ ނަމަ، އެއީ އެ މީހެއްގެ އިންސާނިއްޔަތުކަމުގެ ބައެއް ގެއްލުން ކަމަށެވެ.
ޑެލަސްގައި އޮސްޓްރޭލިއާ ބަލިކުރުމަށް ފަހު ފަލަސްތީނުގެ ދިދަ ވިހުރާލި ސަބަބާ ގުޅޭ ގޮތުން ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެމުން އޭނާ މިހެން ބުންޏެވެ.
”އަހަރެންގެ ކިބައިން ފެނުނީ އިންސާނީ ތަބީއީ އަމަލެއް. އަރަބީންގެ މީހެއް، މުސްލިމެއް، އަހަންނަކީ އިންސާނެއް. ފުޓުބޯޅައިގެ ޒަރީއާއިން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެން ދޫކޮށްލުމަށް އެދި މެސެޖެއް ފޮނުވަން ބޭނުންވޭ. ކުޅިވަރު ކުޅުންތެރިންނާއި ނޫސްވެރިންގެ ކިބައިން އެ މެސެޖު ފޯރުކޮށްދިނުމަށް އެދެން،“ ވޯލްޑް ކަޕް ގަދަ 32 ގެ މެޗުގައި އޮސްޓްރިއާ ބަލިކުރުމަށްފަހު ފަލަސްތީނުގެ ދިދަ ވިހުރާލި ސަބަބާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން މިސްރުގެ ކޯޗު ބުންޏެވެ.
މިސްރު ކޯޗު ބުނީ އިންސާނީ ހައްގުތަކާއި ޖަނަވާރުންގެ ހައްގުތަކާއި އަދުލު އިންސާފުގެ ވާހަކަ ދައްކާ ނަމަ، ފަލަސްތީނުގެ އާންމު ރައްޔިތުންގެ ވާހަކަ ވެސް ދެއްކެން ޖެހޭނެ ކަމަށެވެ.
އާޖެންޓީނާއާ ދެކޮޅަށް ކުޅޭ ގަދަ 16 ގެ މެޗާ ގުޅޭގޮތުން މިސްރު ކޯޗު ހުސާމް ހަސަން ބުނީ ނުކުންނަން ޖެހެނީ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީއާ ދެކޮޅަށް ކުޅޭކަން އެނގޭ ކަމަށާއި ނަމަވެސް ބިރެއް ނެތް ކަމަށެވެ.
”މިސްރާއި އަރަބި ދުނިޔެއާއި އެފްރިކާގެ ޒިންމާ އެބައޮތް. އެ ޒިންމާގެ ސަބަބުން ދަނޑުމަތީގައި ދެއްކެން އޮތް އެންމެ މޮޅު ކުޅުމެއް ދެއްކުމަށް ޓީމުން ސަމާލުކަން ދޭނެ،“ އޭނާ ބުންޏެވެ.
ވޯލްޑް ކަޕްގެ ގަދަ 16 ގައި މިސްރުން އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 9:00 ގައެވެ.


