ވޯލްޑް
ކަޕް

ޔޫރޯއަކީ ވޯލްޑް ކަޕާ އެއް ފެންވަރު ކަމަށް ރޮނާލްޑޯ ބުނުމާއެކު ބޮޑު ބަހުސެއް 

ވޯލްޑް ކަޕުން ޕޯޗުގަލް ކެޓުމުން ރޮނާލްޑޯ ރޮވިފައި -- ފޮޓޯ: ގެޓީ

ގަދަ 16 ގައި ސްޕެއިނާ ދެކޮޅަށް 0-1 އިން ބަލިވެ، ވޯލްޑް ކަޕް 2026 އިން ޕޯޗުގަލް ކެޓުމާއެކު، ޔޫރޯ 2016 ގެ ޗެމްޕިއަންކަން ވޯލްޑް ކަޕެއް ފަދައިން މުހިންމު ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނުމުން، ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ.

ގަދަ 16 ގައި ކުޅުނު މެޗުގައި ސްޕެއިންގެ މިކެލް މެރީނޯ، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޖެހި ގޯލުން ޕޯޗުގަލް ވަނީ ކަޓަައިފައެވެ. މި ނަތީޖާއާއެކު ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު ނިމުމަކަށް އައީއެވެ. ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވެސް ވަނީ މަގާމުން އިސްތިއުފާދީފައެވެ.

”ޕޯޗުގަލަށް ތިން ތަށި ހޯދައިދީފިން. ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިން ޕޯޗުގަލް އެންމެ ތައްޓެއް ވެސް ހޯދާފައެއް ނުވޭ. ގައުމީ ޓީމު ހޯދި އެންމެ ބޮޑު ތަށްޓަކީ 2016 ގެ ޔޫރޯ. ތެދަށް ބުނާ ނަމަ، އެއީ އަހަންނަށް ވޯލްޑް ކަޕެއް ފަދައިން މުހިންމު ތައްޓެއް،“ އޭނާ ބުންޏެވެ.

ރޮނާލްޑޯގެ ސަޕޯޓަރުން އެ ވާހަކަ ދިފާއުކުރި ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނީ ވޯލްޑް ކަޕް ދުވަހަކު ވެސް ނުލިބޭނެތީ އެ ތައްޓެއްގެ ގަދަރު ކުޑަކުރަން ރޮނާލްޑޯ މަސައްކަތް ކުރީ ކަމަށެވެ.

މި ވޯލްޑް ކަޕްގައި 41 އަހަރުގެ ރޮނާލްޑޯ ތިން ގޯލު ޖެހިއެވެ. ގްރޫޕް ސްޓޭޖުގައި އުޒްބެކިސްތާނާ ދެކޮޅަށް ދެ ގޯލު އަދި ގަދަ 32 ގައި ކްރޮއޭޝިއާ ކޮޅަށް ގޯލެއް ޖެހީއެވެ. މިއާއެކު ހަ ވޯލްޑް ކަޕެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑު ރޮނާލްޑޯ ހެދިއެވެ.

ރޮނާލްޑޯ ވޯލްޑް ކަޕް ދަތުރު ފެށީ 2006 ގައި ޖަރުމަނުގައި ބޭއްވި މުބާރާތުންނެވެ. ވިހި އަހަރުގެ ވޯލްޑް ކަޕް ކެރިއަރުގައި 27 މެޗު ކުޅެ 11 ގޯލު ޖެހި އިރު، އެއީ ވޯލްޑް ކަޕްގައި ޕޯޗުގަލުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ހަ ވޯލްޑް ކަޕެއްގައި ކުޅުނު ތިން ކުޅުންތެރިންގެ ތެރޭގައި ވެސް ރޮނާލްޑޯ ހިމެނެއެވެ.