އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތް ކަމުގައިވާ ކީރިތި ގުރުއާނަކީ ކޮންމެ ހެއުކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު ކަމަށާއި އެއީ ހުރިހައި ކާމިޔާބީއެއްގެ ސިއްރު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ކީރިތި ގުރުއާން ކިޔެވުމުގެ މާތްކަން“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ކީރިތި ގުރުއާނުގެ އުސޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ، ގެއްލުމެއްނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއް ކަމަށެވެ.
އަދި ކީރިތި ގުރުއާން ކިޔަވައި، އެއަށް އަމަލުކުރާ މީހާއަށް ގިޔާމަތް ދުވަހު އެ ފޮތް ޝަފާއަތްތެރިވާނެ ކަމަށާއި އެ ފޮތުން ކިޔަވާ ކޮންމެ އަކުރަކަށްމެ ދިހަ ހެއުކަމުގެ ސަވާބު މާތް ﷲ ދެއްވާނެ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ކީރިތި ގުރުއާން ތިލާވަތުކޮށް، އެ ފޮތުގައި ހިމެނޭ އާޔަތްތަކުގެ މާނަތަކާ މެދު ތަދައްބުރުކޮށް ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ހާޒިރުވެވަޑައިގެން، އެބައިމީހުންނަށް ޓަކައި ހެއު ދުއާކުރައްވައި، ޝައިތާނާގެ ނުބައިކަމުންނާއި ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވާނެ ކަމަށެވެ.
ކީރިތި ގުރުއާނަކީ ބަރަކާތުން ފުރިގެންވާ މުގައްދަސް ފޮތެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, އިހުލާސްތެރިކަމާ އެކު އެ ފޮތް ތިލާވަތުކުރާ ކޮންމެ މީހަކަށްމެ، އެ ފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެ ކަމަށެވެ. އެއީ ކިޔެވުމުގައި ފަރިތަ، ކުޅަދާނަ މީހެއް ކަމުގައި ވިޔަސް، ނުވަތަ އުނދަގުލާއި ދަތިކަމާ އެކު ކިޔަވާން މަސައްކަތްކުރާ މީހެއް ކަމުގައި ވިޔަސް ކަމަށް ބުންޏެވެ.
އެކަމަށް އިޝާރާތްކުރައްވައި ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”ހުނަރުވެރިކަމާ އެކު ޤުރްއާން ކިޔަވާ މީހާ ވާހުށީ اللهُ سُبْحَانَهُ وَتَعَالَى، އެކަލާނގެ ހަލްގުތަކުންގެ ގާތަށް ވަހީއާއިގެން ފޮނުއްވާ މަތިވެރިވެގެންވާ މަލާއިކަތުންނާ އެކުގައެވެ. އަދި އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ގުރުއާން ކިޔަވާ މީހާއަށް، ދެ ދަރުމަ ހުށްޓެވެ.“ މި ހަދީޘްފުޅުގެ ޝަރަހައިގައި اَلْإِمَامُ النَّوَوِي -رَحِمَهُ الله-ވިދާޅުވެފައިވެއެވެ.
”ޤުރްއާނުގެ މާހިރަކީ، އޭނާގެ ހިތުދަސްކުރުމުގެ ފެންވަރު ރަނގަޅުކަމުންނާއި މޮޅުކަމުން، ކިޔަވާ އިރު އަޅައިގަތުމެއް ނެތި ފަސޭހަކަމާ އެކު ކިޔަވާ މީހާއެވެ.“


