މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސަރުކާރު މުވައްޒަފުންނަށް މުސާރައާއި އިނާޔަތް ދިނުމަށް އަށް ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް މުސާރައާއި އިނާޔަތް އަދި ޕެންޝަން ދިނުމަށް 7.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އެކަމަށް ހޭދަކޮށްފައިވަނީ 7.2 ބިލިއަން ރުފިޔާ އެވެ.
އަސާސީ މުސާރަ ދިނުމަށް މިދިޔަ ޖޫން މަހުގެ ނިޔަލަށް 3.6 ބިލިއަން ރުފިޔާ ހޭދަކުރި އިރު، މިއީ ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ އިތުރުވުމެކެވެ. މުވައްޒަފުންނަށް އެލަވަންސަށް 3.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއީވެސް މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ޕެންޝަނަށާއި ރިޓަޔާކުރާ މީހުންނަށް ދޭ އިނާޔަތްތަކަށް ކުރި ހޭދައަށް ބަލާއިރު މިދިޔަ ޖޫން މަހުގެ ނިޔަލަށް އެކަމަށް 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއީ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ބަޖެޓުން އެންމެ ބޮޑު ބައެއް ކޮންމެ އަހަރަކު ވެސް ހޭދަވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. މިއަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރައަށް 17 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.


