މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ ކައިރީގައި ކަނޑުމަތީގައި ހިނގި ބޮޑު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭގެ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ”ލީޖަން 1“ ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓުގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދިނުމަށް ބިދޭސީ ހަތަރު ފިރިހެނަކާއި ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންދިޔަ އެވެ.
ފުލުހުން އިއްޔެ މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ގޮސްފައިވާތީ އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެކަމުގައި އާންމުންގެ އެހީތެރިކަމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ. ފުލުހުން ވަނީ މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް އެދިފަ އެވެ.


