ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މާލީގޮތުން ގާބިލުކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އިންޑިއާ އަށް ފުރުމަށް ހަމަޖެހިއްޖެ އެވެ.

މިއީ ޒަކާތު ފަންޑުގެ އެހީގައި މި އަހަރު ރާއްޖޭން ބޭރަށް ފަރުވާ ހޯދަން ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ.

މޯލްޑިވްސް ޒަކާތް ހައުސް އިން ބުނީ، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކުވެސް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރާނެ ކަމަށެވެ.

ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ހަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން މިދިޔަ މަހު ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް 2.5 މިލިއަން ރުފިޔާ ދީފަ އެވެ.

މި އެހީއަކީ 21 ފެބްރުއަރީ 2024ގައި އިސްލާމިކް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ.