އޭނާގެ އެންމެ މުހިންމު އެއް އަސާސަކީ ދެފުށް ފެންނަ، ނަޒާހަތްތެރި ހިންގުމެއްގެ މައްޗަށް ބިނާކޮށް، ކުންފުނީގެ ތެރޭގައި ކޮރަޕްޝަނަށް ހުރި މަގުތައް ބަންދުކުރުން ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސެއިން ވިދާޅުވެއްޖެ އެވެ.
ދައުލަތަށް ހިދުމަތް ކުރެއްވުމުގައި 40 އަހަރަށްވުރެ ގިނަ މުއްދަތެއް ހޭދަކުރައްވާފައިވާ އަފީފު، ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު އެވެ. މަގާމާ ހަވާލުވެވަޑައިގެން އަފީފް ގެންދަވަނީ ދަރަނީގެ ދަންތުރައާއި ރައްޔިތުންގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެފައިވާ ފެނަކައިގެ ހާލަތު ރަނގަޅު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
’ހަފްތާ‘ އަށް ދެއްވި އިންޓަވިއުއެއްގައި އަފީފް ވިދާޅުވީ، އަމިއްލަ އެކި ފަރާތްތަކަށް ދައްކަންޖެހިފައިވާ ބޮޑެތި ދަރަނިތައް ނިޒާމީ ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، އިސްރާފުތައް ކުޑަކޮށް އާމްދަނީ އިތުރުކުރެވޭނެ ފަދަ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލަމުން އަންނަ ކަމަށެވެ.
އެއާއެކު ފެނަކައަށް މުދަލާއި ހިދުމަތް ފޯރުކޮށްދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ބިރުވެރިކަން ނައްތާލާ ކުންފުންޏަށް އޮތް އިތުބާރު އަލުން އާލާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ، މާލީ އިސްލާހުތަކުގެ އިތުރުން، ފެނަކައިގެ ހިންގުމުގެ އޮނިގަނޑު ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަކީ ހާއްސަ ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އެގޮތުން ކުންފުނީގެ ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުވެ، މެދުކެނޑުމެއްނެތި ރައްޔިތުންނަށް ހިދުމަތް ދެވޭނެ ޓެކްނިކަލް އިންގިލާބީ ބަދަލުތަކެއް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.


